Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

"ހަސަން ކުރުސީ" ގެ ޓްވިޓާ ބްލޮކްކޮށްފި!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އައި "ހަސަން ކުރުސީ" ޓްވިޓާ އެކައުންޓް ބްލޮކްކޮށްފި އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ އެކައުންޓެކެވެ. ނަމަވެސް ނަޝީދު އެކަން ދޮގުކުރައްވަ އެވެ. "ހަސަން ކުރުސީ" އެކައުންޓުން މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކައި، މީހުންގެ އަބުރު ކަތިލާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"ހަސަން ކުރުސީ" އަކީ ނަޝީދު ކަމަށް ބުނާތީ އެކަމުގެ ސަބަބުން "އިންތިހާ އަށް ގެއްލުންވާ ކަމަށް" ވިދާޅުވެ އެ އެކައުންޓްގެ މައްސަލަ ބަލައިދެއްވުމަށް އެދިވަޑައިގެން މި އަހަރުގެ އެޕްރީލް 17 ގައި ނަޝީދު ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ. އަދި އެ ކައުންޓްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"ހަސަން ކުރުސީ" ގެ އިތުރުން ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރާ އެހެން ޓްވިޓާ އެކައުންޓްތައް ވެސް ހުރެ އެވެ. ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓަކީ މުހައްމަދ ނަޝީދުގެ ނަމުގައި އިންނަ އެކައުންޓެވެ. ނަޝީދަކީ ޓްވިޓާގެ އިތުރުން ފޭސްބުކް ވެސް ބޭނުން ކުރައްވާ ބޭފުޅެކެވެ.