Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ކުނިން ހަކަތަ އުފައްދާ އައްޑޫ ޕްލާންޓް ވެމްކޯއާ ހަވާލުކޮށްފި

އައްޑޫ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ވެމްކޯއާއި ހަވާލު ކުރުމުގެ ތެރެއިން / ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

އައްޑޫގައި ޤާއިމްކޮށްފައިވާ ކުނި ހަކަތަ އުފައްދާ ޕްލާންޓް ހިންގުމަށް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއާއި) އާއި ހަވާލުކޮށްފިއެވެ.

މިއަދު އައްޑޫގައި ހެނދުނު އައްޑޫސިޓީ ހިތަދޫގައި ތަރައްޤީ ކުރެވިފައިވާ ޕްލާންޓުގައި ބޭއްވި ރަސްމީއްޔާތުގައި އެންވަރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ޔޫސުފް ސިރާޖް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންގްމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި އައްޑޫސިޓީ ކައުންސިލް މޭޔަރ އަލީ ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުނިން ހަކަތަ އުފައްދާ މި ޕްލާންޓް ހިންގުމަށް ވެމްކޯއާއި ހަވާލު ކުރެވިފައިވާއިރު، މިތަނަށް ބޭނުންވާ މުވައްޒަފުން މިވަގުތު ވަނީ ނަގާފައެވެ. އެގޮތުން ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ މިތަނުގައި މަސައްކަތް ކުރާނީ މައިގަނޑުގޮތެއްގައި އައްޑޫއަށް ނިސްބަތްވާ މުވައްޒަފުން ކަމަށެވެ. އަދި މިތަން ހިންގުމަކީ ޓެކްނިކަލް ކަމެއް ކަމުން މިކަމާއި ބެހޭ ތަމްރީން އަދި އެހީތެރިކަން ބޭރުގެ ފަރާތްތަކުން ހޯދާނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމް ކުރެވިފައިވާ މި ޕްލާންޓަކީ ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަަތޮޅު ފުވައްމުލައްގެ އިތުރުން އައްޑޫސިޓީގައި އުފެދޭ ކުނި ޖަމާކޮށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމެކެވެ. އެގޮތުން މިތަނުން ކުނި އަންދައިގެން، އޭގެ ހޫނުން ބޮއިލަރަށް ފެން ކައްކާ އޭގެ އުފެދޭ ސްޓީމް ޓާބައިންތަކާއި ދިމާލަށް ފޮނުވައިގެން ކަރަންޓު އުފައްދާނެއެވެ. މި ފެސިލިޓީގައި ގަޑިއެއްގެ މައްޗަށް 1.5 މެގަވޯޓުގެ ކަރަންޓު އުފެއްދޭއިރު، މިހާރު ފެސިލިޓީ ވަނީ ފެނަކަ ގްރިޑާއި ގުޅޭލެވިފައެވެ.


މިތަނުން އުފައްދާ ކަރަންޓުގެ 1 މެގަވޯޓު، ފެނަކަ ގްރިޑަށް ފޮނުވާއިރު ބާކީ 500 ކިލޯވޯޓު ބޭނުން ކުރާނީ ފެސިލިޓީ ހިންގުމަށެވެ. މިއާއެކު މިތަނުގެ ފުރިހަ ކެޕޭސިޓީގައި ދުވާލެއްގެ މައްޗަށް 50 ޓަނުގެ އަނދާލެވޭނެ ކަަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެއެވެ. އަދި މިތަނުން އަންދާ ކުނިން އަރާ ދުން ސާފުކޮށް ބޭރު ކުރެވޭނެ ނިޒާމެއް ވެސް ވަނީ ޤާއިމް ކުރެވިފައެވެ.

މިއަދު ވެމްކޯއާއި ތަން ހަވާލުވެގެން ދިއުމާއެކު ތަނުގެ ޕްރީ ކޮމިޝަނިން މަސައްކަތް ވެމްކޯއިން ފަށާނެއެވެ. އެގޮތުން މުޅިތަން އޮަޕަރޭޝަނަށް ގެނެސް ހިންގަން ފަށާއިރު މި މަޝްރުޢުގެ ދެވަނަ ފިޔަވަހި ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ފުރަތަމަ ފިޔަވަހީގައި ޕްލާންޓާއި ޤާއިމްކޮށް ކުނި ގެނެސް އަންދާ ލެވޭ ނިޒާމު ޤާއިމް ކުރެވިފައިވާއިރު މިއީ 20 މިލިއަން ޑޮލަރުގެ ޙަރަދުވި މަޝްރޫޢުއެކެވެ.

އަބޫދާބީ ފަނޑުން މަޝްރޫޢޫ ދެވަނަ ފިޔަހި ހިންގުމަށް މިހާރު ފައިސާ ހަމަޖެހިފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ވެމްކޯ މުވައްޒަފުންގެ އޮފީސް އިމާރާތަކާއި ކަނޑު މަގުން ކުނި ގެނެސް އަންލޯޑު ކުރުމަށް ބަނދަރެއްގެ އިތުރުން ތަނުގެ އެހެން ވަސީލަތްތައް ޤާއިމް ކުރާނެއެވެ.

މިއީ ރާއްޖޭގައިވެސް ކޮމިޝަން ކުރެވިގެންދާ މި ބާވަތުގެ ފުރަމަ ފެސިލިޓީއެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފެސިލިޓީ ހިނގަން ފެށުމުން މިހާރު ދެކުނު ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.