Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ގޯތީގައި ގެ ހަދަން ލުއި ގޮތްތަކެއް ހަމަޖައްސަނީ

އައްޑޫން ގޯތި ލިބުނު މީހުންނަށް ގެ އިމާރާތް ކުރަން ބޭނުންވާ ފައިސާ ވެސް ލުއި ގޮތަކަށް ހަމަޖައްސައި ދޭނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫން ހަތަރު އަވަށަކުން ދޭން ނިންމި 1،000 ގޯތި ލިބު މީހުންގެ ދާއިމީ ލިސްޓް އިއްޔެ އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ މިހާރު ވެސް 500 ގެ އެޅުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ވައުދެއްވެއްޖެ ނަމަ އެ ވައުދެއް ފުއްދައި ވެސް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވައުދެއްވި ނަމަ ﷲ ގެ އިރާދަފުޅާއި އެކު ފުއްދަ ދޭނަން. އައްޑޫ އިން ގޯތި ދިނުމަށް ޝަރުތުހަމަވެފައިވާ އެއްމެހާ ފަރާތްތަކަށް ޤާނޫނީ ހުރަހެއް ނުވާ ނަމަ ގޯތިދެ ވޭނެ. އަޅުގަޑުމެން ދޭނީ ގޯތި އެކަންޏެއް ނޫން. ލުއި ގޮތަކަށް ގޯތީގައި ގެ އެޅޭނެ ގޮތްވެސް ހޯދަދެވޭނެ،" މޭޔަރު ވިދާޅުވި އެވެ. "އުފާވެރި ކަމާއި އަމާންކަން އިޙްތިޔާރު ކުރައްވާ."

އައްޑޫ ހިތަދު އާއި ފޭދު އާއި ހުޅުދު އާއި މީދޫން ޖުމްލަ 1،000 ގޯއްޗަށް މި އަހަރުގެ ކުރީކޮޅު ހުޅުވައިލުމުން 4،00 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. ކައުންސިލުން މިހާރު ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭށެވެ. އެގޮތުން މި ފަހަރު މި އިއުލާންކުރި ގޯތިތައް ލިބުނު ފަރާތްތަކަށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޯތި ހަވާލުކޮށް ނިންމުން ކަމަށެވެ.

އަދި ޝަރުތު ހަމަވާ އިތުރު މީހުންނަށް އަންނަ އަހަރުގެ ޖޫން ނިމުމުގެ ކުރިން ގޯތި ދޭން އަމާޒު ހިފާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އައްޑޫން އިއުލާންކުރި 1،000 ގޯއްޗަށް ބަލާ އިރު، އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫން ކޮންމެ އަވަށަކުން 100 ގޯއްޗެވެ. ހިތަދު އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. އަދި ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.