Last Updated: October 1, 12:15
Sunday, October 1, 2023
ކުޅިވަރު

ބެލޮންޑިއޯ އަށް ރޮނާލްޑޯ ނޮމިނޭޓެއް ނުވި

ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ، ފްރާންސް ފުޓްބޯލް އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރު ނޮމިނޭޓް ނުވި އެވެ.

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓު ރޭ އިއުލާންކޮށްފައިވާއިރު، މިއީ 2003 ވަނަ އަހަރަށްފަހު މި އެވޯޑަށް ރޮނާލްޑޯ ނޮމިނޭޓް ނުވި ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ ވަނީ މި އެވޯޑް މީގެކުރިން ފަސް ފަހަރު ހޯދާފަ އެވެ. އޭނާ އަކީ މި އެވޯޑް ދެވަނަ އަށް އެންމެ ގިނައިން ހޯދި ކުޅުންތެރިއާ އެވެ.

ޔޫރަޕް ދޫކޮށްލުމަށްފަހު ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ އަލް ނަސްރަށެވެ. އަލް ނަސްރާއެކު ރޮނާލްޑޯ މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ ކަމަށްވާއިރު މި ސީޒަނުގައި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފަ އެވެ.

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިން ނިސްބަތްވަނީ ޕްރިމިއާ ލީގަށެވެ. ސްޕެނިޝް ލީގަށް ނިސްބަތްވާ ހަ ކުޅުންތެރިން ހިމެނޭއިރު ޖަރުމަނު ލީގަށް ނިސްބަތްވާ ތިން ކުޅުންތެރިން، އިޓަލީ ލީގަށް ނިސްބަތްވާ ހަ ކުޅުންތެރިން އަދި ފްރެންޗް ލީގަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު އަދި އެމެރިކާގެ އިންޓަ މަޔާމީގެ ކުޅުންތެރިއެކެވެ.

މި އެވޯޑު ލިބޭ ކުޅުންތެރިއަކު އިއުލާން ކުރާނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.