Last Updated: July 27, 06:33
Saturday, July 27, 2024
ކުޅިވަރު

އާސެނަލްގެ ކޯޗާއި ކެޕްޓަނަށް ރާއްޖެ ވަރެއް ނެތް!

ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަކީ ވަރަށް ކަމުދާ ތަނެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އެ ކްލަބުގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނެފި އެވެ.

އާސެނަލް އިން "އެމިރޭޓްސް"އާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމާ ގުޅިގެން އެ ކްލަބުން ތައްޔާރުކުރި ވީޑިއޯއެއްގައި އާޓެޓާ ބުނީ ޗުއްޓީ ހޭދަކޮށްލަން ވަރަށް ގިނަ މަންޒިލްތަކަށް ދެވިފައިވާ ކަމަށާއި އޭގެތެރޭގައި ރާއްޖެ ވެސް ހިމެނޭއިރު ރާއްޖެ އަކީ ވަރަށް ކަމުދާ ތަނެއް ކަމަށެވެ. އޭގެ އިތުރަށް ސްޕެއިން އާއި މެކްސިކޯ އަކީ ވެސް ޗުއްޓީ ހޭދަކޮށްލަން ކަމުދާ މަންޒިލްތައް ކަމަށް އާޓެޓާ ބުންޏެވެ.

ޗުއްޓީ ހޭދަކޮށްލަން ކަމުދާ މަންޒިލްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އާސެނަލްގެ ޒުވާން ކެޕްޓަން އޮޑެގާޑް ބުނީ މި ސީޒަން ފެށުމުގެ ކުރިން ލިބުނު ޗުއްޓީގައި ލޯބިވެރިޔާއާއެކު އައީ ރާއްޖެ އަށް ކަމަށާއި އެއީ މިހާތަނަށް އޭނާ ޒިޔާރަތް ކުރި އެންމެ ކަމުދާ އެއް މަންޒިލް ކަމަށެވެ. ރާއްޖޭގެ އިތުރުން ސްޕެއިނަކީ ވެސް ޗުއްޓީ ހޭދަކޮށްލަން ކަމުދާ މަންޒިލެއް ކަމަށް އޮޑެގާޑް ވެސް ބުންޏެވެ.

ޓޫރިޒަމް މިނިސްރީން އާންމުކޮށްފައިވާ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 1.2 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 14 ޕަސެންޓު އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާ އެވެ.