Last Updated: May 6, 19:03
Monday, May 6, 2024
ދުނިޔެ

ޗައިނާ ސަރުކާރުގައި އައިފޯން މަނާ!

ޗައިނާގެ ސަރުކާރުގެ ތެރޭގައި ކުރެވޭ ރަސްމީ އެއްވެސް މުއާމަލާތެއްގައި އައިފޯން ބޭނުން ކުރުން މަނާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯންގެ އިތުރުން ބިދޭސީ އެހެން ހުރިހާ ބްރޭންޑެއްގެ ސްމާޓްފޯނުތައް ވެސް ޗައިނާގެ ސަރުކާރުގެ ތެރޭގައި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ރަސްމީ އެއްވެސް މުއާމަލާތަކަށް ބިދޭސީ އެއްވެސް ބްރޭންޑެއްގެ ސްމާޓްފޯނު މަނާކުރުމުގެ ކުރިން އެ އުސޫލު އެންމެ ފުރަތަމަ ތަންފީޒުކުރަން ފެށީ ސަރުކާރުގެ ބައެއް އިދާރާތަކުގަ އެވެ.

ނަމަވެސް މިހާރު ވަނީ އެ އެ އުސޫލަށް ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކުން އަމަލުކުރުމަށް އަންގައިފަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ޗައިނާ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސަރުކާރުގެ ތެރޭގައި ބިދޭސީ ބްރޭންޑްތަކުގެ ފޯނު ބޭނުން ނުކުރަން ނިންމީ އެފަދަ ޑިވައިސްތަކެއްގެ ސަބަބުން ސަރުކާރުގެ ސިއްރު މައުލޫމާތެއް ލީކްވެދާނެކަމުގެ ބިރައްޓަކެވެ. މީގެ އިތުރުން މި ފިޔަވަޅަކީ ފަހަކަށް އައިސް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ޗައިނާގެ ބައެއް ޓެކް ކުންފުނިތަކަށް އިތުބާރު ނުކޮށް، އެފަދަ ކުންފުނިތަކުގެ އުފެއްދުންތައް ބޭނުން ނުކުރަން ނިންމުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ މަޝްހޫރު އެޕް، ޓިކްޓޮކަކީ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ސަރުކާރާއި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަލީހުގެ އިދާރާތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާ އެއްޗެކެވެ. މީގެ އިތުރުން 5ޖީ ނެޓްވޯކް ބިނާކުރުމުގެ ތަޖުރިބާ ބޮޑު، ޗައިނާ ކުންފުނި ވާވޭ އަކީ ހުޅަނގުން ވަރަށް ޖެހިލުންވާ އަދި ގައުމުތަކުގެ ބްލެކްލިސްޓްގައި ހިމެނޭ ކުންފުންޏެކެވެ.