Last Updated: May 6, 19:03
Monday, May 6, 2024
ޚަބަރު

ބޭސް އުފުލަން ޑްރޯން ބޭނުން ކުރަން ފަށައިފި

ރާއްޖޭގައި އެެއް ތަނުން އަނެއް ތަނަށް ބޭސް އުފުލަން ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.

މި ހިދުމަތް ދެނީ ހެލްތު މިނިސްޓްރީގެ "މޯލްޑިވްސް ހެލްތު ލައިން" ގެ ދަށުންނެވެ. އެގޮތުން އިމަންޖެންސީ ފަދަ ހާލަތްތަކުގައި ބޭސް ފޯރުކޮށްދޭ ން ޖެހޭ ދަނޑިވަޅުތަކުގައި ވީހާ ވެސް އަވަހަކަށް އެ ހިދުމަތް ދޭން ޑްރޯން ބޭނުންކުރާނެ އެވެ.

މިކަން ކުރަނީ ރާއްޖެ އަށް އެންމެ ފުޅާކޮށް ބޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، އެސްޓީއޯގެ ދަށުންނެވެ.

ބޭސް އުފުލަން ބޭނުން ކުރާނެ ޑްރޯން ވަނީ "މޯލްޑިވްސް ހެލްތު ލައިން" އިފުތިތާހުކުރަން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއީ ހަ ކިލޯގެ ތަކެތި ހިފައިގެން ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އަދި 80 ކިލޯމީޓަރަށް ދަތުރުކުރެވޭނެ ޑްރޯނެވެ. އެހެންވެ، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލުން ދޭ ބޭހާއި ވެކްސިނާއި ލެބޯޓަރީ ސާމްޕަލްތައް ހިފައިގެން، ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އެއްޗަކަށް ވާނެ ކލަމަށް މިނިސްޓްރީން ބުންޏެވެ.

"ހާއްސަކޮށް ރިމޯޓުކޮށް ނުވަތަ ދުރުދުރުގައި ހުންނަ ރަށްރަށަށް މިއީ ވަރަށް ބޭނުންތެރި ހިދުމަތަކަށް ވާނެ. ޕޭޝަންޓުން ދަތުރުނުކޮށް ވެސް ސާމްޕަލް ފަދަ ތަކެތި ފޮނުވާލެވޭނެ،" ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި އެވެ. "ކަނޑުގަދަ ވެގެން ދަތުރު ނުކުރެވިގެން އުޅުނަސް މިހާރު މި ގޮތަށް ހިދުމަތް ހޯދޭނެ."

ރާއްޖޭގައި މިކަމަށް ބޭނުން ކުރަނީ ސްވިޒަލެންޑްގެ ރިގީޓެކްގެ ޑްރޯނެވެ. ހެލްތު މިނިސްޓްރީން ބުނީ މީގައި މުޅި ރާއްޖެ އަށް ހިދުމަތް ދޭނެ ކަމަށެވެ. އެއް ޑްރޯނަކާ އެކު ފުރަތަމަ ހިދުމަތް ފެށީ ހުވަދު އަތޮޅަށެވެ. ހެލްތު މިނިސްޓްރީން ބުނީ އަމާޒަކީ މާ ލަސްތަކެއް ނުވެ އެކި އަތޮޅުތަކުގައި ޑްރޯންތައް ބެހެއްޓުމެވެ.

ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު މިގޮތަށް ޑްރޯން ބޭނުން ކުރެ އެވެ. އަދި މިކަން ކޮވިޑްގެ ތެރޭގައި ވަރަށް ބޮޑަށް ވައިގައި ހިފި އެވެ.