Last Updated: October 24, 18:51
Thursday, October 24, 2024
ރިޕޯޓް

ދެން ވެސް ހަމަ އިބޫތަ؟

އަންނަ ހޮނިހިރު ދުވަހަކީ ދިވެހިން ވަރަށް މުހިއްމު ނިންމުމެއް ނިންމާނެ ދުވަހެކެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭނީތޯ ނޫނީ ނޫނީ އާ ރައީސަކު ހޮވާނީތޯ އެވެ. ހޮނިހިރު ހެނދުނު ރައްޔިތުން ވޯޓްލުމުގެ ހައްގާ އެކީ ނުކުންނަ އިރު، އިންތިހާބަށް 8 ބޭފުޅަކު ވާދަކުރައްވަ އެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓީތަކުން ވާދަކުރައްވާ ފަސް ބޭފުޅަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅެކެވެ.

މިއީ ރާއްޖޭގައި ރިޔާސީ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި މި ފަހަރުގެ އިންތިހާބަކީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުން ވެސް އެންމެ ގިނަ ފަހަރެވެ. އެހެންވެ ހޮނިހިރު ދުވަހުގެ ވޯޓަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ވޯޓެކެވެ.

މި ވޯޓް ހާއްސަވާ މުހިއްމު އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބެއްގައި ވެރިއަކަށް ދެވަނަ ދައުރެއް ލިބިދާނެކަމުގެ އުންމީދު ވެސް މި ވަރަށް ބޮޑަށް އޮތުމެވެ. ދެހާސް އަށެއްގެ ފަހުން ބޭއްވި ދެ އިންތިހާބުގައި ވެސް އެ ޝަރަފެއް ކެންޑިޑޭޓަކަށް ހޯދިފައެއް ނުވެ އެވެ.

އެހެންވެ މި އިންތިހާބު ރައީސް ސޯ،ލިހަށް ކާމިޔާބު ކުރެވިއްޖެ ނަމަ އެ މަނިކުފާނުގެ ވާހަކަ ރާއްޖޭގެ ސިޔާސީ ދާއިރާ އާއި ޑިިމޮކްރަސީގެ ސޮފުހާތަކުގައި ލިޔެވޭނީ ހާއްސަ ގޮތަކަށެވެ.

ރައީސް ރަސްމީކޮށް ކެމްޕޭން ކުރައްވާތާ މިހާރު ހަތަރު މަހެއްހާ ދުވަސްވެއްޖެ އެވެ.

އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ހޯއްދެވި ގޮތަށް ބަލާ އިރު، މި ފަހަރުގެ އިންތިހާބަކީ ހަމަ ރައީސަށް ކާމިޔާބުވުން ވަރަށް ގާތް އިންތިހާބެއް ކަމަށް ބެލިދާނެ އެވެ. ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވައި ޓިކެޓް ހޯއްދެވީ ރާއްޖޭގެ ސިޔާސީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު އަދި ވަރަށް ގިނަ ބަޔަކު ތާއީދުކުރާ މުހައްމަދު ނަޝީދާ ވާދަކުރައްވައި ކަމަށްވުމެވެ. އެއީ ބޮޑު ތަފާތަކުން ވެސް މެ އެވެ.

އެހެންވެ ރިޔާސީ އންތިގާބުގައި ވާދަކުރައްވާ އަނެއްކާ 7 ބޭފުޅުންނަށް ބަލާ އިރު، ރައީސް ވާދަކުރައްވަން، ނަޝީދާ ގާތްކުރާ ވަރުގެ ކެންޑިޑޭޓެއް ހަގީގަތުގައި ނުވެސް ނެތެވެ. ޓިކެޓް ލިބިވަޑައިނުގަތުމުން ނަޝީދު "ބޮޑާހާކައި" އެމްޑީޕީން ނުކުމެވަޑައިނުގަތް ނަމަ، މި އިންތިހާބަކީ ރައީސަށް މާ ފަސޭހަކޮށް ވެސް އެމްޑީޕީ އަށް ވެރިކަން ހޯދައި ދެވޭނެ އިންތިހާބަކަށް ވާނެ އެވެ.

ނަމަވެސް ނަޝީދު މިހާރު ހުންނެވީ އަލަށް އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެކްޓެސް އިން ކެންޑިޑޭޔެއް ނެރެގެން އޭނަގެ ފަހަތުގަ އެވެ. އެއީ މި އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓް ކަމަށްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.

ނަމަވެސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަލާ އިރު، ރައިސް ޖެހިލުންވެވަޑައިގަންނަވާ ވަރުގެ ކެންޑިޑެޓޭ ނެތެވެ. ގާތުން އެންމެ ބޮޑަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ހުންނެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އަމިއްލަފުޅަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެސް ވާދަވެރި ކަމެއް އޮތީ ހަމައެކަނި މުއިއްޒުގެ ފަރާތުން ކަމަށެވެ.

އެކަމަކު ރައީސާއި އެމްޑީޕީ އާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭ އަަށް އޮތް ޔަގީން ކަމަކީ ދެވަނަ ބުރަކަށް ވެސް ނުގޮސް ރައީސް ފަސޭހަކަމާ އެކީ އިންތިހާބު ކާމިޔާބުކުރާނެކަމެވެ. މުޅީ ރާއްޖެ މިހާރު އޮތީ އެހެންވޭތޯ ބަލަން ކެތްމަދުވެފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވައި، ކެމްޕޭން ފޯރޮގުނޑު މިހާރު އެންމެ ފަހު މަރުހަލާގައ އޮތް އިރު، މިހާތަނަށް ރައީސް ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ބޮޑު ތާއިދެއް އޮތްކަން ފާހަގަކުރެވެ އެވެ. ވެރިކަމުގައ ހުންނެވި ބޭފުޅާއަށްވާތީ ރައީސް ދައްކަވާ ވާހަކަ އާއި ވެވަޑައިގަންނަވާ ވައުދުތަށް ރައްޔިތުން އިތުބާތުކުރާލެއް ބޮޑުވާނެ އެވެ. އިންތިހާބު ކާމިޔާބުކުރައްވަން ރައީސަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ވެސް އެއީ އެވެ.

އެހެންވެ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ ބޮޑަށް، ރައީސަށް އޮތް ސަމާލުކަން ބޮޑެވެ. ދެން ސުވާލަކީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ހަމަަ ހައްގުވޭތޯ އެވެ؟ އެ ސުވާލަށް ފާއިތުވި ފަސް އަހަރު ފުރާނައިލުމުން ޖަވާބު ހޯދަން ގައިމު ވެސް އުނދަގުލެއް ނުވާނެ އެވެ.

 

ރައީސްގެ ވެރިކަމުގެ ފަސް އަހަރު ފުރިހަމަވާ އިރު، މީގެ ތިން ތެރެއިން ދެ އަހަރެއްހާ ދުވަސްވީ ވަރަށް ދަތި ގޮންޖެހުން ބޮޑު ދެ އަހަރަށެވެ. އެއީ މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާއާ ހެދި އެވެ. އެކަމަކު ޓޫރިޒަމަށް އިގުތިސާދު ބިނާވެފައި އޮތް ރާއްޖެ މުޅި ދުނިޔެ އަށް ދައްކުވައި ދިނީ ނަމޫނާ އެވެ. އެއީ އެ ދަތި ހާލުން ވަރަށް އަވަހަށް އަރައިގަނެ، އިގުތިސާދު އަލުން ކޮޅަށް ޖެހުމުގެ ނަމޫނާ އެވެ.

ހަގީގަތުގައި މިއީ ހިކުމަތްތެރި ވެރިއަކާ އެކީ ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ރައީސް ސޯލިހު ފާހަގަކުރެވުނީ ހިންގުންތެރި، ހަރުދަނާ، ލީޑަރެއްގެ ގޮތުގަ އެވެ. އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ރައްޔިތުން ގޮވައިގެން އަމާން އައްސޭރިއަކަށް ދަތުރުކުރެއްވުމުގެ ޖޯޝާއި ފޯރި އާއި ހިތްވަރު އެ މަނިކުފާނު ވަނީ ދައްކަވައިފަ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހަކީ ހިތްތިރި މަޑުމައިތިރި، އޯގާތެރި ވެރިއެކެވެ. ބަސް މަދު، އަމަލު ގިނަ ބޭފުޅެކެވެ. ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވާ، ރައްޔިތުން ބޭނުންވާ ކަންކަން، ބޭނުންވާ ގޮތަކަށް ކޮށް ދެއްވަން އިސްކަން ދެއްވާ ވެރިއެކެވެ. ރައީސްގެ ފަރާތުން މިހާތަނަށް ނުފެންނަ ކަމަކީ ޖަދަލުކުރުމާއި ހަރުކަށި ބަސްތައް ވިދާޅުވުމާއި ބަދަލު ހިއްޕެވުން ފަދަ ކަންކަމެވެ. ފިކުރު ތަފާސް ހަގީގަތް ގަބޫލުކުރާ މީހުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ ތެރޭގައި ރައީސް މި ހަގީގަތް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

އެހެންވެ ހޮނިހިރު ދުވަހަށް ވޯޓްލާން ދާ އިރު، ހިތާހިތުން ސުވާލުކޮށްލުން ހަމަ ވަރަށް ރަނގަޅެެވެ، ދެން ވެސް ހަމަ ހޮވަންވީ އިބޫތޯ އެވެ؟ ރައީސް ސޯލިހުގެ ވައުދަކީ ދިވެހިންނަށް "އުފާވެރި އަމާން ރާއްޖެ" އެކެވެ. ހުރިހާ ދިވެހިން ބޭނުން ވަނީ ހަމަ އެ ގޮތް ނޫންތޯ އެވެ؟