Last Updated: October 1, 14:06
Sunday, October 1, 2023
ޚަބަރު

އިންތިހާބަށް ފުލުހުން ހިންގާ އޮޕަރޭޝަން ފަށައިފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ފަށައިފި އެވެ.

އޮޕަރޭޝަން "ބްލޫ ވޭވް" ގެ ނަމުގައި ހިންގާ އޮޕަރޭޝަން ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގެ މަގުސަދަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީ ގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދީ އިންސާނީ ކަރާމާތަށް އުނި ކަމެއް ނާންނާނެ ގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިން ފަލްސަފާއާ އެއްގޮތަށް އިންތިހާބުގެ ކުރިންނާއި ފަހުން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާން ކަަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ އަދި ދިމާ ވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާ އެކު އާންމު ހާލަތަށް ބަދަލު ކުރުމެވެ. އަދި 2022 ޑިސެމްބަރުން ފެށިގެން އޮޕަރޭޝަނަށް ތައްޔާރުވާން ފަށައި ކަނޑައެޅުނު ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރެވި އެންމެ ފަހުގެ މަރުހަލާތަކަށް މި ވަނީ އާދެވިފައި ކަމަށާއި މި ފާއިތުވެދިޔަ ދުވަސްތަކުގައި ހުރިހާ ފުލުހުން ވެސް ދިން އެއްބާރުލުމާއި ކުރި ބުރަ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

ކުރިއަށް މިއޮތް ގަޑިތަކުގައާއި އިންތިހާބުގެ ދުވަހު އަދި އިންތިހާބުގެ ރަސްމީ ކަންކަން ނިމުމާ ހަމައަށްވެސް ޕްރޮފެޝަނަލްކޮށް ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފުލުހަކާވެސް ހަވާލުކޮށްފައިވާ މަސައްކަތް ކުރަންވާ ގޮތް ސާފުކޮށް އެނގި ތިބެ ކުރިއަށްް ގެންދިއުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ.

އޭގެ އިތުރުން އެއްވެސް ފަރާތަކަށް ބުރަނުވެ ރަނގަޅު ބަހުން މުއާމަލާތު ކުރުމަށާއި ވާދަވެރި އިންތިހާބަކާ ގުޅިގެން މީހުންގެ ކިބައިން ފެންނާނެ އަމަލުތަކާއި ދިމާވެދާނެ ކަންކަމަށް ލޯ ހުޅުވި ހާލަތާ އެކަށިގެންވާ ފިޔަވަޅު އެޅުމަށާ އަދި ބޮޑީ ވޯން ކެމެރާގެ ޓެކްނޮލޮޖީ އާއި އޮޕަރޭޝަންގެ މައުލޫމާތުތައް ރެކޯޑު ކުރުމަށް ބޭނުން ކުރަން ކަނޑައަޅާފައިވާ ޓެކްނޮލޮޖީ އާއި އެހެނިހެން ވަސީލަތްތަކާއި އާލަތްތައް ހަމަޖެހިފައިވާ ގޮޮތުގެ މަތިން ބޭނުން ކުރަމުން ގެންދިއުމަށް ސީޕީ އެދިވަޑައިގަތެވެ.

މި ބްރީފިންއާ އެކު ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް "ލެވެލް 3" އަށް ވަނީ ބަދަލު ކޮށްފަ އެވެ.