ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ގާސިމު އިބްރާހީމްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކީރިތި ޤުރުއާންގެ ތަފުސީރު ނެރުއްވައިފި އެވެ.
"ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ގެ ނަމުގައި ރޭ ނެރުނު ފޮތަކީ ޤުރުއާނުގެ ތަރުޖަމާ އާއި އޭގެ ތަފުސީރުގެ އެކުލެވޭ ފޮތެކެވެ. ރޭ ނެރުނީ ފޮތުގެ ވެބް ވާޝަނެވެ. ވަރަށް އަވަހަށް ޕްރިންޓް ވާޝަން ނެރެން ނިންމާފައިވެ އެވެ. ހަ ބާބުގެ މައްޗަށް އެކުލެވޭ މި ފޮތުގައި ކީރިތި ރަސޫލާގެ ހަދީސްތައް ވެސް ހިމަނާފައިވެ އެވެ. ގާސިމު ވިދާޅުވި ގޮތުގައި ފޮތުގެ 50،000 ޗާޕުކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށް ދެއްވާނެ އެވެ.
"ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ތަރުޖަމާކޮށް ލިޔުއްވީ ޝެއިހް މުޙައްމަދު ޢަބްދުﷲ އެވެ. ޕްރޫފް ރީޑްކުރެއްވީ އަބްދުﷲ އަބްދުލް މުޙުސިނާއި އިޔާޒު ޖާދުﷲ ނަސީމެވެ. ފޮތުގެ ވެބް ވާޝަންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލެވެ.
މި ތަފުސީރު ފޮތް ނެރުމަކީ ގާސިމްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ. އެގޮތުން މެނިފެސްޓޯގައި، އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުމުގެ ބާބުގައި ޖުމުލަ 16 ވައުދެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިސްލާމިކް ސެންޓަރުތައް ގާއިމްކުރުމާއި، 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުމާއި، ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން ދީނުގެ ސައްހަ އަގީދާ ފެތުރުމާއި، ދިވެހި ބަހުގެ ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމާއި، 500 ހާފިޒުން އުފައްދައި 3،000 ރ. ގެ އެލަވެންސެއް ދިނުމާއި، ފަތުވާ މަޖިލިސް ހަރުދަނާކުރުން ފަދަ ކަންކަން ހިމެނެ އެވެ.