ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އަމީތާބް ބައްޗަން އެކީގައި ފެންނަ އިޝްތިހާރެއް އާންމުކޮށްފި އެވެ.
މި އިޝްތިހާރަކީ އިންޑިއާގެ މަޝްހޫރު ހަވާދުގެ ބްރޭންޑެއް ކަމަށްވާ "އެވަރެސްޓް ސްޕައިސެސް" ގެ ބިރިޔާނީ އަށް ހާއްސަ މަސާލާއެއްގެ އިޝްތިހާރެކެވެ.
މީގައި ފެންނަނީ ޝާހްރުކާއި އަމީތާބް ޝޫޓިންއަކަށް ގޮސް އުޅުމުގެ ތެރޭގައި ވަރަށް ކައިރި ކައިރީގައި ދެ މީހުންގެ ވެނިޓީ ވޭންތައް އޮއްވައި ނޫސްވެރިން ގޮސް ޝާހްރުކްގެ ވެނިޓީ ވޭންއާ "ދިމާކޮށްލައި" އޭނަގެ އިންޓަވިއުއެއް ހޯދަން އުޅުމުން އަނެއް ވެނިޓީ ވޭނުގައި އަމީތާބް އިން ކަމަށް ބުނެ އެ ދެ މީހުންގެ ވެނިޓީ ވޭން ދޮށަށް ނޫސްވެރިން ދުވާ މަންޒަރެވެ. އަދި އިޝްތިހާރު ނިމެނީ އާލިއާ ބަޓް އަންނަ ކަމަށް ބުނެ ނޫސްވެރިންނަށް އޮޅުވާލައި އެ މީހުންގެ ކިބައިން ސަލާމަތްވެ ދެ މީހުން އެކީގައި ދުއްވައި ގަންނަ ތަނުންނެވެ.
ޝާހްރުކާއި އަމީތާބަކީ އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އެވެ. އަދި އޭނަގެ 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގައި ވެސް ޝާހްރުކާއި އަމީތާބް ހިމެނެ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކާއި އަމީތާބް ފެނިފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ބޫތުނާތު ރިޓާންސް" ގެ އިތުރުން މިދިޔަ އަހަރުގެ "ބުރައްމަސްތުރާ" ހިމެނެ އެވެ.