Last Updated: July 27, 11:09
Saturday, July 27, 2024
ކުޅިވަރު

ޕެލޭގެ ގޯލު ރެކޯޑް ނޭމާ މުގުރާލައިފި

ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ޕެލޭ ގައުމީ ޓީމަށް ޖަހައި ދީފައިވާ ގޯލުތަކުގެ ރެކޯޑް، އެ ގައުމުގެ މިހާރުގެ ޒުވާން ކުޅުންތެރިޔާ ނޭމާ މުގުރާލައިފި އެވެ.

ވޯލްޑް ކޮލިފައިން އަށް އިއްޔެ ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗްގައި ބްރެޒިލް 5-1 އިން މެޗް ކާމިޔާބުކުރި އިރު، އެ މެޗްގައި ނޭމާ، 31، ދެ ގޯލު ޖެހި އެވެ. މެޗް 61 އާއި 93 ވަނަ މިނިޓްގައި ޖެހި ގޯލާ އެކީ ގައުމީ ޓީމަށް އޭނަ ޖަހައިދިން ގޯލްތަކުގެ އަދަދު މިހާރު ވަނީ 79 އަށް އަރައިފަ އެވެ.

އެއާ އެކީ ނޭމާވެފައި ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.

ކުރިން އެ ރެކޯޑް އޮތް އަދި ބްރެޒިލަށް ތިން ފަހަރު ވޯލްޑް ކަޕް ހޯދައި ދިން ލެޖެންޑް، ޕެލޭ ގައުމީ ޓީމަށް ޖަހާފައި ވަނީ 77 ގޯލެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕެލޭ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި އުމުރުން 82 އަހަރުގައި މަރުވެފަ އެވެ.

ޕެލޭއާ އެކީ 2011 ގައި ނޭމާ.

އިއްޔެގެ ގައުމީ ޓީމަށް ކުޅުނު 124 ވަނަ މެޗްގައި ޖަހައިދިން ދެ ގޯލާ އެކީ ނޭމާ ބްރެޒިލްގެ ރެކޯޑެއް ހެދި އިރު، ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗްގެ 17 ވަނަ މިނިޓްގައި އޭނަ އަށް ޕެނަލްޓީއެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ނޭމާ އަކީ މިހާރު ސައުދީ އަރަބިއްޔާގެ އަލް ހިލާލުގެ ކުޅުންތެރިއެކެވެ. އޭނަ އެ ޓީމާ ގުޅުނީ މިދިޔަ މަހު އެވެ.