ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ދޫކޮށްލަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ގޮވާލައިފި އެވެ.
ޖަމީލު މިހެން ވިދާޅުވީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމާ ގުޅިގެންނެވެ. ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދިފައި ނުވުމުން ދެވަނަ ބުރަކަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޖަމީލު ވިދާޅުވީ ފެންނަން އޮތީ އަލި ސާފު މަންޒިލެއް ކަމަށާއި ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށެވެ. ރައްޔިތުންގެ ކޯޓުން ނިންމީ ޔާމީނުގެ ޖިހާދުގެ ތެދުކަން ކަމަށާއި ކޯޓުތައް މެދުވެރިކޮށް ސިޔާސީ ލީޑަރުން އިންތިހާބުން އެއްކިބާ ކުރުމަކީ ގައުމީ ޖަރީމާއެއްކަން ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ޔާމީން ވަގުތުން ދޫކޮށްލަންވީ. ދެން ނުހިފެހެއްޓޭނެ،" ޖަމީލު ވިދާޅުވި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒު ކަމަށްވާއިރު
އިންތިހާބުގައި މިހާތަނަށް 548 ވޯޓު ފޮށި ގުނާ ނިމިފައިވާއިރު 96،000 ވޯޓާއެކު ކުރީގައި އުޅުއްވަނީ މުއިއްޒު އެވެ. އެއީ ވޯޓުލީ މީހުންގެ 45.86 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 82،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.
އެންމެފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.