Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

މިއީ ބޮޑު ކާމިޔާބެއް، ރައްޔިތުން މިސާލު ދައްކައިފި

ސަރުކާރުގެ ނުފޫޒުތަކާއެކު ވެސް މިއަދުގެ ރިޔާސީ އިންތިހާބުން ލިބުނީ ބޮޑު ކާމިޔާބެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިރޭ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި ހަގީގަތުގައި މިއަދު މިއީ ވަރަށް އުފާ ކުރާ ދުވަހެއް ކަމަށެވެ.

"އެކިއެކި ނުފޫޒުތަކާއި އެކި ފިއްތުންތަކުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ގައުމީ ރޫހެއްގައި ނިކުމެވަޑައިގެން މި ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތީ ދެތިން ހަފްތާ ކަމަށާއި ރައްޔިތުންގެ އިތުބާރާއި ތާއީދާއެކު ކާމިޔާބު ހޯދޭނެ ކަމަށެވެ. އަދި ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމާ މެދު ލީޑާޝިޕުގައި މަޝްވަރާ ކުރާނެ ކަމަށާއި އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ 10110 ވޯޓު ހޯއްދަވާފަ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.