Last Updated: October 1, 12:15
Sunday, October 1, 2023
މުނިފޫހިފިލުވުން

އައިޝްވާރިއާ ބޮލީވުޑަށް ނެރެން އުޅުނީ ސަނީ

އައިޝްވާރިއާ ރާއީ ބޮލީވުޑަށް ނެރެން އުޅުނީ އޭނަ ކަމަށް މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ބުނެފި އެވެ.

މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ގަދަރު 2" ގެ ބަތަލު "އާޕް ކީ އަދާލަތު" ޝޯގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރޭގައި ބުނީ 1994 ގައި މިސް ވޯލްޑް ތާޖު ހާސިލުކުރި އައިޝްވާރިއާ ބޮލީވުޑަށް ނެރެން ހަދަން އުޅުނީ "އިންޑިއަން" ކިޔާ ފިލްމެއް ކަމަށެވެ.

"އެ ފިލްމަކީ އަހަރެން ޕްރޮޑިއުސް ވެސް ކުރާ ގޮތަށް މަސައްކަތް ފެށި އެއްޗެއް. އޭގެ ބައެއް ލަވަތަކާއި އެ ނޫން ވެސް ގިނަ މަންޒަރުތަކެއް ނަގާފައި ވަނިކޮށް ބަޖެޓްގެ މައްސަލަތަކަކާ ހެދި ފިލްމު ހުއްޓާލަން ޖެހުނީ." ސަނީ، 66، ބުންޏެވެ.

އައިޝްވާރިއާއާ އެކީ "އިންޑިއަން" ނެހެދުނު ނަމަވެސް ސަނީ އާއި ޝިލްޕާ ޝެޓީ ލީޑް ކުޅެ "އިންޑިއަން" ކިޔާ ފިލްމެއް 2001 ގައި ނެރުނެވެ. އެން މަހާރަޖޖަން ޑައިރެކްޓްކުރި އެ ފިލްމުގެ ޕްރޮޑިއުސަރަކީ ސަނީގެ ބައްޕަ މަޝްހޫރު އެކްޓަރު ދަރުމެންދުރާ އެވެ.

އައިޝްވާރިއާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ސަނީގެ ކޮއްކޮ ބޮބީ ޑިއޯލްއާ އެކީ ކުޅުނު 1997 ގެ "…އޯރް ޕިޔާރު ހޯ ގަޔާ" އެވެ. އޭގެ ޑައިރެކްޓަރަކީ ސަނީ ބޮލީވުޑަށް ނެރުނު 1983 ގެ ފިލްމު "ބޭތާބު" ވެސް ޑައިރެކްޓްކުރި ރާހުލް ރަވައިލް އެވެ.

އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރިއާ ބެލުންތެރިންނަށް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެން ދިޔައީ އޭނަ އެންމެ ފަހުގެ ފިލްމު ކަމަށްވާ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޕޮނިޔިން ސެލްވަން: ޕާޓް 2" ގެ ޑައިރެކްޓަރު މަނީ ރަތުނަމްގެ 1997 ގެ ތަމަޅަ ފިލްމު "އިރުވަރު" އިންނެވެ.