Last Updated: October 1, 12:15
Sunday, October 1, 2023
ކުޅިވަރު

މޮލްޑޯވާގެ އަންހެން ފުޓްބޯޅަ ތަރިއަކު މަރުވެއްޖެ

މޮލްޑޯވާގެ އެންމެ މަޝްހޫރު އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވައޮލެޓާ މިޓުލް މަރުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ މިޓުލް މަރުވީ އޭނަ ކުޅެމުން އައި އައިސްލޭންޑްގެ ޓީމު، އީންހެރިއާރްގެ ކުޅުންތެރިންނާ އެކި ހައިކްކުރަން އުޅެނިކޮށް ފަރުބަދަބަދައަކުން ވެއްޓި މި މަހުގެ 4 ގަ އެވެ. މިޓުލްގެ މަރާ ގުޅިގެން ޔޫއެފާ އިން ވެސް ހިތާމަފާޅުކޮށް ބަޔާނެއް ނެރެފައިވެ އެވެ.

އޭނަގެ ކުއްލި ވަކިވުމާ ގުޅިގެން އީންހެރިއާރް އިން ނެރުނު ބަޔާނެއްގައި ބުނީ މިޓުލް ވަކިވެ ދިއުމަކީ ޓީމަށް ލިބުނު ވަރަށް ދެރައެއް ކަމަށާއި އޭނަ އަކީ ވަރަށް މަޖާ، އެންމެންނާ ގުޅޭ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށެވެ.

މޮލްޑޯވާ އަށް އަންހެން ފުޓްބޯޅަ އިން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައި ދިނުމުގައި ހިއްސާވި، ޑިފެންޑަރު މަރުވި އިރު، މި އަހަރުގެ ފީފާ އަންހެން ވޯލްޑް ކަޕްގައި އޭނަ އަށް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. ސަބަބަކީ މުބާރާތަށް މި އަހަރު މޮލްޑޯވާ ކޮލިފައިނުވުމެވެ. އެކަމަކު އެ ޓީމު ކުޅުނު 10 ކޮލިފައިން މެޗްގައި މިޓުލް ކުޅުނެވެ.

އޭނަ އަކީ އިޓަލީ، ސްޕެއިން ޔޫކްރެއިން އަދި ކަޒަކަސްތާންގެ ޓީމްތަކަށް ކުޅުފެއިވާ ކުޅުންތެރިއެކެވެ. އައިސްލޭންޑްގެ އީންހެރިއާރްއާ މިޓުލް ގުޅުނީ މި އަހަރުގެ ކުރީކޮޅު އެވެ.