ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ދެރަވާނެ ނިންމުމެއް ނުނިންމާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި "ހަވީރު ސައި" އިވެންޓުގައި ވާހަކަދައްކަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސް އިން ދެން ކަންކުރާނެ ގޮތުގެ ސުވާލު ވަރަށް ގިނަ ފަރާތްތަކަކުން ކުރަމުންދާ ކަމަށާއި ރައްޔިތުން ދެރަވާނެ ގޮތަކަށް އަދި ރާއްޖެ އަށާއި ޕާޓީ އަށް ދެރަވާނެ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށެވެ. އަދި ނިންމުން ނިންމާނީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ބެލުމަށްފަހު ރައްޔިތުންގެ ވިސްނުމާއެކު ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ތެޅިފޮޅިގަނެގެން ކަންކަން ނިންމަން ނުވާނެ ކަމަށާއި ނިންމުންތައް ނިންމަން ވާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި ޑިމޮކްރެޓުން ނިންމާ ނިންމުން މާ ލަހެއް ނުވެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި ގޮތެއް ނިންމުމުގެ ކުރިން ޕާޓީގެ އެކި ގުނަންތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ މަގާމުގައި ވެސް ހުންނެވި އަދި އެ އަވަށަށް އުފަން އިލްޔާސަށް އިއްޔެ ނެގި ވޯޓްގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ލިބުނީ 15،191 ވޯޓެވެ. އެއީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ވޯޓްލި މީހުންގެ 6.99 ޕަސެންޓެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެޑައިގަތުމުން އެމްޑީޕީ އަށް ފެއަށް ޖެހިވަޑައިގެން އުފެއްދެވި ޕާޓީއެކެވެ.
އިލްޔާސަކީ މި އަހަރުގެ އިންތިހާބުގައި ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓެވެ. އަދި އޭނަ ވާދަކުރެއްވީ އަލަށެވެ.