Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

މުއިއްޒަށް ތާއީދު އިތުރުކޮށްދޭން ޔާމީން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އިތުރުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ޔާމީންގެ މި މެސެޖު ރައްޔިތުންނާއި ހިއްސާކުރެއްވީ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޖަމީލު ވިދާޅުވީ ޔާމީން ހުރިހާ ރައްޔިތުންނަށް ވެއް ވެދުން ފޮނުވާ ކަމަށާއި މުއިއްޒަށް އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ޖަމީލު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 10110 ވޯޓު ހޯއްދަވާފަ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.