Last Updated: October 1, 14:06
Sunday, October 1, 2023
ކުޅިވަރު

ސްޕެއިންގެ ފުޓްބޯޅަ ރައީސް އިސްތިއުފާ ދީފި

އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދުމުން އެކަމުގެ އުފަލުގައި އެ ގައުމުގެ ފުޓްބޯޅަ ތަރި، ޖެނީ ހާމޯސޯ އަށް ބޮސްދިން މައްސަލައިގައި ހޫނު ފެނަށް ވެއްޓިފައިވާ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ރައީސް ލުއިސް ރުބިއާލެސް އެންމެފަހުން އިސްތިއުފާ ދީފި އެވެ.

އިންގްލެންޑް އަތުން 1-0 އިން މޮޅުވެ ސްޕެއިނުން ފުރަތަމަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕް ތަށި އުފުލާލިއިރު އެ މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ރުބިއާލެސް ހާމޯސޯ އަށް ބޮސްދިނުމުގެ އިތުރުން ދަނޑު މަތީގައި ކުުޅުންތެރިންނާ ވަރަށް ބޮޑަށް ގައިގޯޅިވެގެން ވެސް އުޅެފަ އެވެ.

ރުބިއަލެސް އަށް ޖިންސީ ގޯނާގެ ތުހުމަތު ހާމޯސޯ ކޮށްފައިވާއިރު މި މައްސަލައާ ގުޅިގެން ފީފާ އިން ވަނީ އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ރުބިއާލެސް އަށް އަމާޒުވިއިރު އޭނާ ވަނީ ހާމޯސޯ އަށް ބޮސްދިނީ ރުހުމުގައި ކަމަށް ބުނެ މަގާމުން އިސްތިއުފާ ދޭން ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް ރުބިއާލެސް ރޭ ވަނީ މަގާމުން އިސްތިއުފާ ދިނުމަށް ނިންމައި އެކަމުގެ ސިޓީ އެގައުމުގެ ފުޓްބޯޅަ އިދާރާ އަށް ހުށަހަޅާފައިވާކަން ހާމަކޮށްފަ އެވެ. އަދި އިސްތިއުފާ ދިނީ މަގާމުގެ މަސައްކަތާއިގެން ކުރިއަށް ދެވެން ނެތުމުން ކަމަށް ރުބިއާލަސް ވިދާޅުވި އެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަމުގެ އިތުރަށް ރުބިއާލެސް ވަނީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ދޫކޮށްލާފަ އެވެ.