މަނާ ބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދިނޭސީ އަތުން ޔުވެންޓަސް މޮޅުވި މެޗަށްފަހު ޕޮގްބާ ހެދި ޓެސްޓުތަކުން މަނާ ބޭހަކަށް އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މެޗުގައި ޕޮގްބާ ކުޅެފައި ނުވާއިރު އޭނާ ޕޮޒިޓިވް ވެފައިވަނީ ޓެސްޓޮސްޓެރޯން ނަމަކަށް ކިޔާ ބޭހަކަށެވެ.
ޑޯޕިންގެ އުސޫލުތަކާ ހިލާފުވެފައިވާތީ ވަގުތީ ގޮތުން ޕޮގްބާ ސަސްޕެންޑްކޮށްފައިވާއިރު އެ ޓެސްޓުތަކާ ގުޅިގެން ޕޮގްބާގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅަން ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ޔުވެންޓަސް އިން ވަނީ އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ޕޮގްބާ ސަސްޕެންޑް ކުރިކަން އަންގާފައިވާ ކަމަށާއި އެކަމާ ގުޅިގެން ދެން ކުރިއަށް އަޅަން ހުރި ފިޔަވަޅުތަކާ ވިސްނަމުންދާ ކަމަށް ބުނެފަ އެވެ.
ޕޮގްބާ އެނބުރި ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައިގައި ކަމަށްވާއިރު އަނިޔާގެ ގިނަ މައްސަލަތަކެއްގެ ސަބަބުން އޭނާ އަށް އެ ކްލަބަށް މާގިނަ މެޗުތަކެއް ކުޅެދެވިފައެއް ނުވެ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ކުޅެދިނީ އެންމެ ހަ މެޗެވެ. މި ސީޒަނުގައި ދެ މެޗެއްގައި ޕޮގްބާ ކުޅެފައިވާއިރު ދާދިފަހުން އަނިޔާގެ އިތުރު މައްސަލައެއް އޭނާ އަށް ވަނީ ކުރިމަތިވެފަ އެވެ.