Last Updated: May 17, 13:59
Friday, May 17, 2024
ރިޕޯޓް

ހިލޭ ޑިގްރީ: އެތައް ޒުވާނުންނެއްގެ ހުވަފެން ހަގީގަތަކަށް!

ރާއްޖޭގެ ޒުވާން އާބާދީގެ ބޮޑު ބަޔަކަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ މުޅި ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމަށް ކުރެވުނު އެންމެ ބޮޑު އެއް އިންވެސްޓުމެންޓެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ފާއިތުވި އެއްވެސް ސަރުކާރަކުން މަތީ ތައުލީމަށް އިސްކަން ނުދޭ މިންވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ތައުލީމަށް އިސްކަންދީފަ އެވެ. އެއީ ހިލޭ ޑިގްރީ އާއި މަތީ ތައުލީމު ހޯދުމަށް ހުޅުވާލި ފުރުސަތުތަކެވެ. ވަޒީފާގައި އުޅެމުން ޑިގްރީއަށް ކިޔެވުން ކުރިން އޮތީ ތަކްލީފަކަށްވެފަ އެވެ. އެއީ ވަޒީފާގައި އުޅެ ލިބޭ މުސާރައިގެ ބޮޑު ބައެއް ކޯސް ފީއަށް ދައްކަން ޖެހުމެވެ.

ރައީސް ސޯލިހުގެ ރިޔާސީ އެއް ވައުދަކީ ހިލޭ ޑިގްރީ އާއި ފަސޭހައިން މަތީ ތައުލީމު ހޯދޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެގޮތުން މި 5 އަހަރު ތެރޭ ހިލޭ 15000 އަށް ވުރެ ގިނަ ޒުވާނުން ދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންނެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ކިޔަވައި ނިންމައި ވަޒީފާތަކުގައި ގައުމަށް ހިދްމަތް ކުރަން ވަނީ ފަށާފަ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދްމަތް ކުރެއްވި ޓީޗަރަކު ވިދާޅުވީ ހިލޭ ޑިގްރީ އާއި މަތީ ތައުލީމުގެ ލޯނު ސިޔަާސަތަކީ މި ސަރުކާރުން މި ގައުމަށް މިހާތަނަށް ކުރި އެންމެ ރަނގަޅު އިންވެސްޓުމެންޓު ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ، ބަނދަރާއި، މަގު ހެދުމާއި، ބިން ހިއްކުމާއި ނަރުދަމާ އަޅައި ބޮޑެތި އިމާރާތްތައް ހަދާތަން، އުމްރާނީ ގޮތުން ތަރައްޤީ ގެންނަން މަސައްކަތް ކުރާތަން، އެކަން ރަނގަޅު، އެކަމަކު ތައުލީމީ ޖީލެއް ބިނާ ކުރުމަށް މިހާތަނަށް މި ގޮތަށް މަސައްކަތް ކުރެވިފައި ނެތް، މިއީ ރާއްޖޭގެ މުސްތަގްބަލް ބަދަލުވެގެންދާނެ އިންވެސްޓުމަންޓެއް"

ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ރާއްޖޭގައި ޑިގްރީ ފެންވަރަށް ކިޔަވައިގެން ގިނަ ޒުވާނުން ނިކުތުމާއި އެކު ރާއްޖޭގެ ރިސޯޓު ތަކާއި ބައެްއ ބޮޑެތި ކުންފުނުތަކުގެ މަތީ މަގާމުތަކުގައި ތިބި ބިދޭސީންގެ ވަޒީފާތައް ދިވެހިންނަށް ބަދަލުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ކުރިއެރުމަށް ބޮޑު ބަދަލެއް އަންނަނާނެއެވެ.

ހިލޭ ޑގްރީގައި ކިޔަވަމުން އަންނަ ޒުވާނުން ބުނާ ގޮތުގައި މި ސްކީމަކީ އެ ޒުވާނުންނަށް ވަޒީފާ އަދާ ކުރަމުން ކިޔަވަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ވިލާ ކޮލެޖުގައި ޝަރީއާ އިން ލޯއިން ޑިގްރީ ހަދަމުން އަންނަ ފާޠިމަތު ސުހާ ބުނީ މިއީ އޭނާގެ މުޅި ކެރިއަށް އަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ވަރަށް ކުޑައިރުއްސުރެ ފެށިގެން ލޯޔަރަކަށް ވާން ބޭނުންވެގެން ހުރީ، ރަށުން ކިޔެވުމަށް ފަހު މާލެ އައީ ވެސް މަތީ ތައުލީމު ހާސިލް ކުރަން ވަޒީފާއަކަށް، އެކަމަކު މުސާރައިން ކޯސް ފީ ދައްކައިގެން މާލޭގައި ހުރުން ވަރަށް ދަތި އެހެންވެ ކިޔަވަން ނުފެށި ހުއްޓާ ހިލޭ ޑިގްރީ ފެށުނީ، މިހާރު މި ނިމެނީ، މިއީ މިހާތަނަށް އަޅުގަނޑުމެން ކަހަލަ އާދައިގެ އާއިލާތަކުން އައިސް ތިބި ކުދިންގެ އުއްމީދު ހަގީގަތަކަށް ހެދިގެން ދާ އެންމެ އުފާވާ ސިޔާސަތަކީ، ވަރަށް އުފާވޭ މިގޮތަށް މި ފުރުސަތު ލިބުނީތީ"

ސުހާ ފަދަ އެތައް ދަރިވަރުންވެސް މިއަދު ތިބީ މި ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ގައުމަށް ހިދްމަތް ކުރުމަށެވެ. މިއީ އެޒުވާނުންގެ ހުވަފެން ހަގީގަތަކަށް ވެގެންދާ ސްކީމެކެވެ.

ފެބްރުއަރީ 2019 ގައި ފެށި ހިލޭ ޑިގްރީ ސްކީމަކީ ސަރުކާރުން ހަރަދުކުރާ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ހިންގާ ސްކީމެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ތަންފީޒުކުރެވުނު އެންމެ މުހިންމު އެއް ސިޔާސަތެވެ.

ހިލޭ ޑިގްރީ ސްކީމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން އަންނަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ.