Last Updated: October 4, 13:32
Wednesday, October 4, 2023
ދުނިޔެ

ލީބިއާ "ސުނާމީއެއް" ގެ ތެރޭގައި

ތޫފާނަކާ ގުޅިގެން މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގަދަ ވިއްސާރައާ އެކީ ޑޭމްތަކެއް ވެސް ފަޅައިގެން ގޮސް ފެތުރުނު ފެންގަނޑާ އެކީ ލީބިއާގެ ބައެއް ސަރަހައްދުތައް "ސުމާނީއެއް" ގެ ހާލަތަށް ގެންގޮސްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެރި ޑެނިއަލް ތޫފާންގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ލީބިއާގެ ދަރުނާއަށެވެ. އެތަން މިހާރު ފެނު އަޑީގައި އޮތް އިރު، މި ހާދިސާގައި މިހާތަނަށް 2،300 އެއްހާ މީހުން މަރުވެ، 10،000 އަށް ވުރެ ގިނަ މިހުން ވަނީ ގެއްލިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިޓީ ފެނުއަޑިއަށް ގޮސް ގިނަ އަދަދެއްގެ ބަޔަކު މޫދަށް ވެސް ދަމައިގެންފައިވެ އެވެ.

ޑޭމްތަކެއް ފަޅައިގެން ދިއުމުގެ އިތުރަށް ތޫފާންގެ ތެރޭގައި ހަތަރު ބްރިޖެއް ވެސް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބި، ލީބިއާ މިހާރު އޮތީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ގެއްލުނު މހުން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ލީބިއާ އަށް މި ކުރިމަތިވ ބޮޑު ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެގޮތުން ގެއްލުނު މީހުންގެ ހޯދުމުގެ މަސައްކަތްތަކުގައި އެކި ގައުމުތަކުން ރެސްކިއު ޓީމްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ތުރުކީ، ގަތަރު، ޖަރުމަން، އެމެރިކާ އަދި އިޓަލީގެ ޓީމުތައް ހިމެނެ އެވެ.

ލީބިއާ އަކީ 2011 ފެ ފަހުން ދާހިލީ ގޮތުން ބޮޑު ހާޖާނުގަނޑެއްގެ ތެރޭގައި އޮތް ގައުމެކެވެ.