ކޮވިޑްގެ ތެރޭގެ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމު "ދަ ވެކްސިން ވޯ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ހަދާފައިވާ އެއްޗެކެވެ.
އިންޑިއާގެ ފުރަތަމަ ބައޯ-ސައިންސް ފިލްމުގައި ގެނެސްދޭ މެޑިކަލް ތުރިލާގެ ކާސްޓްގައި "ދަ ކަޝްމީރު ފައިލްސް" ގައި ކުޅުނު ރޯލަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް މި އަހަރު ކަށަވަރުކުރި ޕައްލަވީ ޖޯޝީ އާއި ނާނާ ޕަޓޭކަރާއި ރައިމާ ސެން އަދި އަނޫޕަމް ކޭރް ހިމެނެ އެވެ.
ޕައްލަވީ އަކީ ޑައިރެކްޓަރު ވިވެކްގެ އަންހެނުންނެވެ. އަދި "ދަ ވެކްސިން ވޯ" ގެ ޕްރޮޑިއުސަރަކީ ވެސް ޕައްލަވީ އެވެ.
ވިވެކް ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ޗޮކްލެޓް"، "ހޭޓް ސްޓޯރީ" އަދި "ދަ ޓަޝްކެންޓް ފައިލްސް" ހިމެނެ އެވެ.