Last Updated: October 8, 11:13
Tuesday, October 8, 2024
ޚަބަރު

އޯގަސްޓް މަހުގެ އާމްދަނީ 21 ޕަސެންޓް އިތުރު

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ އޯގަސްޓް މަހު ދައުލަތަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޯގަސްޓް މަހު ދައުލަތަަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި 62.02 މިލިއަންގެ ޑޮލަރު އާމްދަނީ ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާއި އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. އޭގެ އެއް ސަބަބަކީ ޖުލައި މަހު ފަތުރުވެރިން އައި ނިސްބަތް އިތުރުވުމާއެކު، ޓީޖީއެސްޓީ، ޖީއެސްޓީ އަދި އެއާޕޯޓް ޓެކްސެސް އިތުރުވުމެވެ.

އޯގަސްޓް މަހުގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވި ނަމަވެސް، މިއަހަރު ލަފާ ކުރި އާމްދަނީއަށް ވުރެ ދަށެވެ. އެގޮތުން މިއަހަރު އޯގަސްޓް މަހު ލަފާ ކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ 7.7 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މީއީ އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ އިތުރުން ޓީޖީއެސްޓީ ލަފާކުރިވަރަށް ވުރެ ދަށްވުމެވެ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރު، މި އޯގަސްޓް މަހުގެ ޓެކްސް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 376 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީޖީއެސްޓީގެ ގޮތުގައި 566 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 188 މިލިއަން ރުފިޔާ ވަނީ ވަދެފައެވެ.

މިދިޔަ މަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް، ލިބިފައިވަނީ 275 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައެވެ. އެގޮތުން އެ ފީއަށް 90 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން ކޮންމެ މަހަކުވެސް ދައުލަތަށް ލިބޭ އާމްދަނީ އާންމު ކުރެއެވެ. މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް މިއަހަރު މުޅި ޖުމްލަ 15.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.