Last Updated: October 4, 13:32
Wednesday, October 4, 2023
ދުނިޔެ

ކެރެލާގައި އަލުން ނިޕާ ވައިރަހުގެ ބިރުވެރިކަން

އިންޑިއާގެ ކެރެލާގައި އަނެއްކާ ވެސް ނިޕާ ވައިރަސް ވަރަށް ބޮޑަށް ފެތުރެން ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން 2018 ގައި އެ ސްޓޭޓްގައި މި ރޯގާ ފެތުރެން ފެށި ފަހުން، މިއީ މިހާ ބޮޑަށް ނިޕާ ވައިރަސް ފެތުރެން ފެށި ހަތަރު ވަނަ ފަހަރެވެ. ދިވެހިން ވެސް އެކި ބޭނުންތަކަށް ވަރަށް ގިނައިން ގޮސް އުޅޭ ކެރެލާގައި މި ރޯގާގެ ނުރައްކާ ބޮޑުވެ، މިހާތަނަށް ދެ މީހަކު މަރުވެފައިވާ އރު، ވައިރަސް ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖު ވިދާޅުވި ގޮތުގައި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު 700 އަށް އަރާ އިރު، އޭގެ ތެރެއިން 77 މީހުންނަކީ މިހާރު ހައި ރިސްކް މީހުންނެވެ.

ނިޕާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ކެރެލާގެ ސްކޫލްތައް ވެސް ބަންދުކޮށް، ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ.

ނިޕާ ވައިރަސް އިންސާނުންގެ ގަޔަށް ވާސިލު ވަނީ ޖަނަވާރުންގެ ޒަރީއާއިންނެވެ. ހާއްސަކޮށް ވާލުގެ ޒަރިއްޔާއިންނެވެ. އަދި ނިޕާ އަށް މިހާތަނަށް ްއެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.