Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ހުޅުމާލެ ފަޅު ހިއްކަން މާދަމާ ފަށަނީ

މާލޭ މީހުންނަށް ހިލޭ ގޯތި ދޭން ހުޅުމާލޭ ފަޅު ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ދިޔަނެރު ފަޅާއި ތިލަފުށިން އިތުރު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ މަހުގެ 20 ގަ އެވެ.

މި މަޝްރޫއުގެ ފޭސްތަކަށް ބަލާ އިރު ހުޅުމާލެ ފޭސް ދޭކުން 62.6 ހެކްޓަރު، ދިޔަނެރު ފަޅުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއޭ ޑީ އިން 9.6 ހެކްޓަރު ހިއްކާނެ އެވެ. ހުޅުމާލެ ފަޅުހިއްކާ ގޮތަށް ބަލާ އިރު، އާބަންކޯ އިން ބުނީ މި މަޝްރޫއު ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ކަމަށެވެ. އެގޮތުން ސްޓޭޖް އެކެއްގައި 10 ހެކްޓަރު، ސްޓޭޖް ދޭއްގައި 29 ހެކްޓަރު އަދި ސްޓޭޖް ތިނެއްގައި 24 ހެކްޓަރު ހިއްކާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އަމާޒަކީ 5 ނޮވެމްބަރުގެ ކުރިން ހުރިހާ ގޯތިތަކާއި ރަޖިސްޓްރީތައް ހަވާލުކުރުން ކަމަށެވެ.