Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

މޯލްޑިވިއަނުން އެމިރޭޓްސް އަށް ޑޮމެސްޓިކް ކަނެކްޝަން

އެމިރޭޓްސް އެއާލައިން ދަތުރުކުރާ ފަރާތްތަކަށް ޑޮމެސްޓިކް ކެނެކްޝަން އެމިރޭޓްސްގެ ޓިކެޓުގެ ދަށުން ލިބޭ ގޮތަށް، މޯލްޑިވިއަން އާއި އެމިރޭޓްސް އެއާލައިން އިން އެއްބަސް ވުމަކަށް އައިސްފިއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަންގެ މައި ކުންފުނި އައިލޭންޑް އެވިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެމިރޭޓްސް އެއާލައިނުން ރާއްޖެ ދަތުރު ކުރާ ދަތުރުވެރިންނަށް، އެއްބަސްވުމާއެކު އެމިރޭޓްސް ޓިކެޓު ނަގާއިރު، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކާއި ހަމައަށް މޯލްޑިވިއަން މެދުވެރިކޮށް ގުޅާލަދެވޭނެ ކަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދަކަށް ކަނެކްޝަން ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މިގޮތުން މާދަމާއިން ފެށިގެން މިގޮތަށް ޓިކެޓް އެމެރޭޓްވެސް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އެމިރޭޓްސް އާއި އެކު ވެވުނު މި އެއްބަސްވުމަކީ މިދިޔަ އަހަރު މި ދެ އެއާލައިން ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރުވުނު ފަހުނާމާގެ ދަށުން އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މީގެ ސަބަބުން އެމިރޭޓްސް ދަތުރުވެރިން އިތުރު ޓިކެޓެއް ނުނަގައި ދާން ބޭނުންވާ މަންޒިލާއި އެންމެ ކައިރީގައި އޮތް އެއާޕޯޓަކަށް ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން އެމިރޭޓްސް ޗީފް ކޮމާޝަލް އޮފިސަރ އަދްނާން ކާޒިމް ވިދާޅުވީ، ރާއްޖޭގެ ޤައުމީ އެއާލައިނާއެކު ވެވުނު އެއްބަސްވުމުން ބޮޑެތި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ މެދުއިރުމަތި، ޔޫރަޕް، އެފްރިކާ އަދި އެރިކާ ސަރަހައްދުން ދަތުރު ކުރާ ކަސްޓަމަރުންނަށް ދަތުރު ރާވައިގެން އެ ބުކިންގްއެއްގެ ދަށުން ދާން ބޭނުންވާ ފަހު މަންޒިލަށް ދަތުރު ކުރެވޭނެ " އަދްނާން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، އެމެރޭޓްސް އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އެއާލައިން ކަމަށްވާއިރު މިއީ މޯލްޑިވިއަންގެ ޑޮމެސްޓިކް ނެޓްވޯކް ދައްކާލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އަޅުގަނޑުމެން ހުރިހާ ދަތުރުވެރިންނަށް ފަސޭހަ ކަނެކްޓްވިޓީ ފޯރުކޮށްދިނުމަށް ހިފާފައިވާ އަމާޒަށްވެސް މި އެއްބަސްވުން ފުރުސަތު ދޭ ކަމަށް ވިދާޅުވިއެވެ. މި އާއެކު ރާއްޖޭގެ ލީޑިންގް އެއާލައިންގެ ގޮތުގައި އެކުންފުނިން ދެމި ތިބުމަށް ލިބޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ 16 މަންޒިލަކަށް މޯލްޑިވިއަން ޝެޑިއުލް ދަތުރުތައް ކުރެއެވެ. މިއީ ރާއްޖޭގެ އެންމެ ފުޅާކޮށް ޑޮމެސްޓިކް ޚިދުމަތް ފޯރުކޮށްދޭ އެއާލައިންވެސްމެއެވެ.