Last Updated: May 4, 16:41
Saturday, May 4, 2024
ޚަބަރު

އުމަރު 2028 އަށް ކެމްޕޭން ފަށައިފި!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު 2028 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވައިފި އެވެ.

އޭނަގެ ސޯޝަލް މީޑިއާ އެކައުންޓަތަކުގައި އަމިއްލަ ފޮޓޯއާ އެކީ "ނިއު ޑިރެކްޝަން: އުމަރު 2028" ޖަހާފައިވާ ޕޯސްޓަރެއް ވެސް ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އެއާ އެކީ އިތުރު އެއްވެސް ވާހަކައެއް ހިމަނައިފައެއް ނުވެ އެވެ.

މި އަހަރުގެ އިންތިހާބަކީ ކުރީގެ ހޯމް މިނިސްޓަރު ވާދަކުރެއްވި ދެވަނަ ރިޔާސީ އިންތިހާބެވެ. މި ފަހަރު އުމަރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭނަ އެންމެ ފުރަތަމަ އިންތިހާބަށް ވާދަކުރެއްވީ 2008 ގަ އެވެ. އެއީ އޭރު ގެންގުޅުއްވި ޕާޓީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ފަރާތުންނެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރާ އެކީ ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާ އިރު، ފުރަތަމަ ބުރުގައި އުމުރު ދިޔައީ ހަތަރު ވަނައަށެވެ. އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ. އިންތިހާބުގައި އުމަރު ހޯއްދެވި ނަތީޖާ އަށް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައިވެ އެވެ.

މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެނގިފައިވާ ގޮތުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އުމަރު ތާއީދެއް ނުކުރައްވާނެ އެވެ.