Last Updated: October 1, 14:18
Sunday, October 1, 2023
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމުގެ ބަތަލާއަކަށް ސަމަންތާ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާން ޚާން ސޮއިކޮށް، ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ފިލްމުގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް އެކާވީހުގެ މަޝްހޫރު ފިލްމު "ޕުޝްޕާ" ގައި ހިމެނޭ އައިޓަމް ލަވަ "އޫ އަންޓަވާ" އިން އިތުރު ބޮޑު މަޝްހޫރު ކަމެއް ލިބުނު ސަމަންތާ އަކީ މި ފަހުން ހިންދީ ޕްރޮޖެކްޓްތަކުން ފުރުސަތުތައް ލިބެމުން އަންނަ ތަރިއެކެވެ. އެގޮތުން އޭނަ މިހާތަނަށް ހިންދީ ދެ ވެބް ސީރީޒެއް ކުޅެފައިވެ އެވެ.

އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ދަ ފެމިލީ މޭން" އާއި އެ ޕްލެޓްފޯމަށް އެ ސީރީޒްގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ގެނެސްދޭން ތައްޔާރުވަމުން އަންނަ "ސިޓަޑެލް އިންޑިއާ" އެވެ. މި ސީރީޒްގެ ބަތަލަކީ ވަރޫން ދަވަނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ސަލްމާނާ އެކީ ސަމަންތާ ކުޅޭ ފިލްމު ވާނީ އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ދަރުމާގެ 2021 ގެ ކާމިޔާބު ފިލްމު "ޝޭރުޝާ" ހެދި ޑައިރެކްޓަރު ވިޝްނޫވަރުދާން ޑައިރެކްޓްކުރާ ވަތަނީ ފިލްމެކެވެ.

ދަރުމާގެ ފިލްމަކުން ސަމަންތާ ބޮލީވުޑަށް ނެރެން އުޅޭ ކަމަށް ވާހަކަތައް ދެކެވެމުން އަންނަ އިރު، އޭނަ އަކީ ކަރަންގެ ގާތް ރައްޓެއްސެއް ވެސް މެ އެވެ. އެގޮތުން ކަރަންގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަނުގައި މިދިޔަ އަހަރު މެހުމާނެއްގެ ގޮތުގައި ސަމަންތާ އަށް ބައިވެރިވާން ވެސް ފުރުސަތު ލިބުނެވެ. އެއީ އަކްޝޭ ކުމާރާ އެކީގަ އެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާންގެ ފިލްމަކުން ދެކުނުގެ ބަތަލާ އަކު ބޮލީވުޑަށް ނެރޭ އިރު، ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ބަތަލާ އަކީ ވެސް ދެކުނަށް ނިސްބަތްވާ ތަރިއެކެވެ. އެއީ ނަޔަންތަރާ އެވެ.