Last Updated: October 4, 15:06
Wednesday, October 4, 2023
މުނިފޫހިފިލުވުން

"ޑަންކީ" ޑިސެމްބަރުގައި ގެނެސްދޭނެ

މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" އަންނަ އަހަރަށް ފަސްނުކުރާކަން ކަށަވަރުކޮށް ދީފި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިން،މާފައިވާ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ދާފި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް މިހާރު ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ގެ ކާމިޔާބީ ފާހަގަކުރަން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި "ޑަންކީ" އާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝާހްރުކް ބުނީ ފިލްމު ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ޑިސެމްބަރުގައި ގެނެސްދޭނެ ކަމަށެވެ. އަދި ފިލްމާ މެދު ކުރެވޭ އުންމީދުތައް ވެސް ބޮޑު ކަމަށާއި މި ފިލްމަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކީ އޭނަ މަސައްކަތްކުރި ފުރަތަމަ ފިލްމަށްވާތީ އެކަމާ ވެސް ވަރަށް އުފަލުން ހުރި ކަމަށް 57 އަހަރުގެ އެކްޓަރި ބުންޏެވެ.

"ޑަންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ސޯޝަލް ކޮމެޑީއެކެވެ. މީގެ ޝޫޓިން ނިންމައި ފިލްމު މިހާރު އޮތީ ޕޯސްޓް -ޕްރޮޑަކްޝަން މަރުހަލާގަ އެވެ. "ޑަންކީ" ގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ސަތިޝް ޝާހްގެ އިތުރުން ހާއްސަ ފެނިލުންތަކުގައި ވިކީ ކޯޝަލް އާއި ދަރުމެންދުރާ ވެސް ހިމެނެ އެވެ.

"ޑަންކީ" އަކީ 2018 ގެ "ސަންޖޫ" އަށް ފަހު ކުޅަދާނަ ޑައިރެކްޓަރު ހިރާނީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ އަކީ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދުން ޑައިރެކްޓަރެވެ.

"ޑަންކީ" އަކީ މި އަހަރު ރޮލީޒްކުރާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. މި އަހަރު ގެނެސްދިން އޭނަގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު "ޕަތާން" އެވެ. އެ ފިލްމާއި މި މަހުގެ 7 ގައި ރިލީޒްކުރި "ޖަވާން" އަކީ އެކްޝަން ތުރިލާތަކެކެވެ.