Last Updated: July 27, 06:11
Saturday, July 27, 2024
ދުނިޔެ

ބަންގްލަދޭޝްގެ ދެ އެކްޓިވިސްޓަކު ޖަލަށް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބަންގަލޭޝްގެ މަޝްހޫރު ދެ އެކްޓިވިސްޓަކު ދޮގު ޚަބަރު ފަތުރައި ގައުމުގެ މޫނުމަތި ހަރާބުކޮށްފައިވާ ކަމަށް ބުނެ ދެ އަހަރަށް ޖަލަށް ލައިފި އެވެ.

އެ ހުކުމް މިދިޔަ ބުރާސްފަތި ދުވަހު އިއްވީ ބަންގްލަދޭޝްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ އޮދިކާރުގައި އިސްކޮށް މަސައްކަތް ކުރަމުން އައި އަދިލޫރް ރަހުމާން ޚާނަށާއި ނަސީރުއްދީން އިލާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް 2013 ގައި ދައުވާކުރީ އެ އަހަރުގެ ތެރޭގައި ހަރުކަށި އިސްލާމީ ފިކުރުތަކާ ދެކޮޅަށް އިސްލާމިކް ގްރޫޕްތަކަކުން ކުރި ވެރިރަށް، ޑާކާގައި ކުރި މުޒާހަރާއެއްގެ ތެރޭގައި ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ބަޔަލު މަރާފައިވާ ކަމަށް ބުނެ ރިޕޯޓެއް އާންމުކުރުމާ ގުޅިގެންނެވެ.

އެގޮތުން އަދިލޫރާއި ނަސީރުއްދީން ނެރުނު ރިޕޯޓްގައި ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަރަށް އަނިޔާވެރިކޮށް މުޒާހަރާތައް ރޫޅައިލަން ކުރި މަސައްކަތުގެ ތެރޭގައި 61 މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގައިވާ ގޮތުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

އެ މީހުންގެ ރިޕޯޓް ނެރުނުތާހެން ދެ އެކްޓިވިސްޓުން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާތައް އުފުލި އެވެ. އެއީ މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ޚަބަރު ފަތުރައި، ގައުމުގެ މޫނުމަތި ހަޑިކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ހުކުމް ކުރުމާ ހަމައަށް ވެސް ދެ އެކްޓިވިސްޓުން ގެންދިޔައީ އެ މީހުންގެ މައްޗަށް އިފުލި ދައުވާތަކަށް އިންކާރުކުރަމުންނެވެ.

ދިހަ އަހަރަށް ދެމިގެން ދިޔަ ގާނޫނީ މަރުހަލާ އަށް ފަހު ދިލޫރް އާއި ނަސީއްރުދީނަށް ބުރާސްފަތި ދުވަހު ދެ އަހަރުގެ ޖަލު ހުކުމް އިއްވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަފުވާމީ ވަރަށް ގިނަ ޖަމާއަތްތަކުކުން އެކަން ކުށްވެރިކޮށް، އެ ދެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ.