Last Updated: May 3, 06:00
Friday, May 3, 2024
ރިޕޯޓް

މިނިމަމް ވޭޖު: 25،000 މީހުންގެ ދިރިއުޅުމަށް އުފާވެރިކަން!

މިނިމަމް ވޭޖަކީ ދިވެހިން އެތައް ޒަމާނަކަށް އެދި އެދި ތިބި ކަމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ގާނޫނަށް ބަދަލު ގެނެސް މިނިމަން ވޭޖު ތައާރަފު ކުރުމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޑިސެމްބަރު މަހު ކޮވިޑު ވައިރަސް ދުނިޔެ ވަށާލައި، މުޅި ދުނިޔެ ބަންދުކުރެވިއެވެ. އެއާއި އެކު މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި އެތައް ބަޔަކު ވަޒީފާ ގެއްލި މަގުމަތިވިއެވެ. އެ ހާސްކަމާއި ނާމާން ކަމުގެ ތެރޭގައި ރާއްޖެ ކުރިއަށް ދިޔަ އިރު ސަރުކާރުން ދިޔައީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.

މިނިމަމް ވޭޖުގެ އުފާ ދިވެހިންނަށް ލިބިގެން ދިޔައީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގްތިސާދު މަޑުމަޑުން ރަނގަޅުވާން ފެށިތަނުންނެވެ. ނޮވެމްބަރު 8، 2021 ގައި ރާއްޖޭގެ އެންމެ ކުޑަ އުޖޫރައަކަށް 4،500ރ. ހަމަޖެހި ދިވެހި އެތައް ބަޔަކަށް ހިނިތުންވުން ގެނުވި އެވެ.

ކުދި ގައުމުތަކާ އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގައި ކަނޑައެޅި އުޖޫރަ ރަނގަޅު އަދަދެކެވެ. މި އަދަދާ އެކު ސިވިލް ސާވިސްގެ 11،828 މީހުންނާއި ޓޫރިޒަމް ދާއިރާގެ 13،000 މީހުންނަށް އޭގެ ފައިދާ ލިބުނެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

* ކުދި ވިޔަފާރިތަކަށް މަހަކު 4،500ރ.
* މެދުފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000ރ.
* ބޮޑެތި ވިޔަފާރިތަކަށް މަހަކު 8،000ރ.
* ސިވިލް ސާވިސް މަހަކު 7،000ރ.

މިނިމަމް ވޭޖު ކަނޑައެޅުމާއި އެކު ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސާވިސް އަދި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އައި ތަން ފެނުނެވެ. ދަށް މުސާރައަށް މަސައްކަތް ކުރުވުން ރާއްޖޭގައި ނިމުމަކަށް ގެނެސް ދިވެހިންނަށް އުފާވެރިކަން ގެނެސްދިނެވެ.

ރައްޔިތުންނާއި ގުޅުން ހުރި މައްސަލަތަކަށް މިއަދުގެ ސަރުކާރުން އަންނަނީ ގާނޫނީ ދާއިިމީ ހައްލު ހޯއްދަވައި ދެއްވަމުންނެވެ. އެގޮތުން މިނިމަން ވޭޖަކީ އޭގެ އެއް ހައްލެވެ. ދެން އޮތީ މިހާރުގެ މިނިމަން ވޭޖަކީ އެންމެ ރަނގަޅު އަދަދުތޯ ބަލައި އިތުރަށް ފުރިހަމަ ކުރުމެވެ.

ހަމަ ޔަގީނުން ވެސް މިއީ ދިވެހި އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ބޮޑު ބަދަލެކެވެ.