Last Updated: October 4, 15:06
Wednesday, October 4, 2023
މުނިފޫހިފިލުވުން

ދަރިއަކު ބެލުމަކީ ގެއެއް އިމާރާތް ކުރުން ކަހަލަ ކަމެއް

ދަރިއަކު ބަލައި ބޮޑުކުރުމަކީ ގެއެއް އިމާރާތްކުރުން ކަހަލަ ކަމަކާ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ސިފަކޮށްފި އެވެ.

އެ ދެ މީހުންގެ ދޮށީ ދަރިފުޅު އާރަވް ބާޓިއާ އަށް އިއްޔެ 21 އަހަރުވުމާ ގުޅިގެން ޓްވިންކަލް ސޯޝަލް މީޑިއާގައި ދަރިފުޅަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި، އާންމުކުރި ޕޯސްޓްގައި ބުނީ އާރަވް އަކީ މިހާރު ޒުވާނެއް ކަމަށެވެ.

"ދަރިއަކު ބަލައި ބޮޑުކުރުމަކީ ގެއެއް އިމާރާތްކޮށް، އެ ގޭގެ ހުރިހާ ތަނެއް ޑިޒައިންކުރުން ކަހަލަ ކަމެއް." މަޝްހޫރު ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއި ކުރީގެ އެކްޓަރު ރާޖޭޝް ކަންނާގެ ދޮށީ ދަރިފުޅު ބުންޏެވެ.

އަކްޝޭއާ ކައިވެނިކުރި ފަހުން ފިލްމު ކުޅުން ހުއްޓާލި ޓްވިންކަލް ބުނީ ކޮންމެ މީހަކު ވެސް އެ މީހަކާ ހަވާލުކުރެވުނު މަސައްކަތެއް ކުރާނީ ވީ އެންމެ ފުރިހަމައަކަށް ކަމަށާއި އެ މަސައްކަތް ނިންމާލައި އޭގެ ވެރިފަރާތާ ތަން ހަވާލުކުރުމުން ދެން އެތަނެއް ބައްޓަން ކުރާނެ ގޮތެއް އެނގޭނީ އެތަނެއް ވެރިއަކަށް ކަމަށެވެ.

މި ވާހަކަ އޭނަ ގުޅުވީ ދަރިއަކު ބޮޑުކޮށް ޒުވާނަކަށް ހަދަން ކުރި މަސައްކަތް ނިމުމަކަށް އައިކަން ފާހަގަކޮށް، ދެން އެ ދަރިއެއްގެ އަމިއްލަ ހަޔާތް ބައްޓަން ކުރާނީ އެ ކުއްޖަކު ބޭނުންވާ ގޮތަކަށްޖަން ފާހަގަކޮށެވެ.

އާރަވްގެ އިތުރުން އަކްޝޭ އާއި ޓްވިންކަލްގެ ދެން ހުންނަނީ ނިތާރާ ކުމާރު ކިޔާ އަންހެން ކުއްޖެކެވެ. އޭނަ އަށް މިހާރު 11 އަހަރެވެ. އަކްޝޭ އާއި ޓްވިންކަލް ކައިވެނިކުރީ 2001 ގަ އެވެ.

އާރަވް އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޒުވާނަކަށް ވިޔަސް، އޭނަ އަބަދު ވެސް އުޅެނީ ފިލްމީ ކަންކަމާ މުޅިން ދުރުގަ އެވެ. އަދި އެހެން ފިލްމީ ތަރިންގެ ދަރިންނާ ހިލާފަށް އާރަވް އަކީ މީޑިއާތަކުގެ ސަމާލުކަން ވެސް އެހާ ބޮޑަށް ލިބިފައިވާ މީހެއް ނޫނެވެ.

ދަރިފުޅުގެ 21 ވަނަ އުފަން ދުވަހާ ގުޅިގެން އަކްޝޭ ވެސް ސޯޝަލް މީޑިއާގައި ތަހުނިޔާ ކިޔާފައިވެ އެވެ.