Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

ކޮަމަންވެލްތު ސްކޮލަޝިޕަށް ހުޅުވާލައިފި

އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލު ކުރަން ކޮމަންވެލްތު ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަންނަ އަހަރު ކިޔަވަން ހުޅުވައިލީ މާސްޓާސް ޑިގްރީގެ ދެ ކޯހަކަށެވެ.

މި ސްކޮލަޝިޕްތަކުގެ މައިގަނޑު ޝަރުތަކީ ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމެވެ. މީގެ އިތުރުން މަތީ ތައުލީމަށް ސަރުކާރުން ދޫކޮށްފައިވާ ލޯނެއް ނަގާފައިވާ ނަމަ، ގަވައިދުން އެ ދައްކަމުން ގެންދާ ފަރާތްތަކަށް ވެސް ވާން ޖެހެ އެވެ. އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުމާއި ނުވަތަ އެ ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން ނުދާ މީހަކަށް ވެސް ވާން ޖެހެ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ސްކޮލަޝިޕް ދިނުމުގައި އިސްކަން ދޭނީ، އެކަޑަމިކް މެރިޓް ޕޮއިންޓު އެންމެ މަތިން ލިބޭ ބަޔަކަށެވެ. އަދި ޕޮއިންޓުން އެއްވަރު ވެއްޖެ ނަމަ، ދެން ބަލާނީ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށް ފަހު، ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
ސްކޮލަޝިޕްތަކަށް ކުރާ މީހުންގެ ތެރެއިން ސަރުކާރުން ނޮމިނޭޓްކުރާ ކެންޑިޑޭޓުންގެ ތެރެއިން ފުރުސަތު ދޭނީ، ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތްތަކުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

ސްކޮލަޝިޕްތަކަށް އެދުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 26 އެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މި ލިންކް myedu.egov.mv މެދުވެރިކޮށެވެ.