Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ލެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލައްވަން ޔާމީން ރަޖިސްޓްރީ ކުރައްވާފައެއް ނުވެ އެވެ.

ޖަމީލު ވިދާޅުވީ ޔާމީން އުއްމީދު ކުރެއްވީ ފުރަތަމަ ބުރުގައި ވެސް ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ކަމަށާއި އެ އިންތިޒާމު ހަމަނުޖެހުމުން ކުރިން ވޯޓު ނުލެވުނު ނަމަވެސް، ދެވަނަ ބުރުގައި ވޯޓްލުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.