Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

ތަމަޅަ އެކްޓަރު ސޫރިއާ ބޮލީވުޑަށް

އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާ އަށް ބޮލީވުޑްގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި 48 އަހަރުގެ އެކްޓަރަށް ހުށަހަޅާފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ހަދަން ނިންމާފައިވާ "ކަރުނާ" އެވެ. މި ފިލްމަކީ ޝާހިދު ކަޕޫރާ އެކީ ހަދަން ކުރިން ވާހަކަ ދެކެވެނު ފިލްމެކެވެ. އޯމްޕްރަކާޝް އަކީ "ރަންގް ދެ ބަސަންތީ" އާއި "ދިއްލީ-6" ގެ އިތުރުން "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ތޫފާން" އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން، ގްރޭންޑްކޮށް ހަދަން ނިންމާފައިވާ "ކަރުނާ" ސޫރިއާ އަށް ހުށަހަޅައި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. "ކަރުނާ" އަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ މަހާބާރަތުގައި ހިމެނޭ ކަރުމާ ޝަހުސިއްޔަތަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.

މީގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ފިލްމަށް ސޫރިއާ އެއްބަސްވާނެކަމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސޫރިއާ އަކީ އެންމެ ބޮޑު އަގެއް ލިބޭ ތަމަޅަ އެކްޓަރުންގެ ތެރެއިން އެކެކެވެ.

އޭނަ އަކީ ކުރިން ހިންދީ ފިލްމުތަކުން ފެނިފައިވާ ބަތަލާއެއް ކަމަށްވާ ނަގްމާގެ ކޮއްކޮ ޖޯތިކާގެ ފިރިމީހާ އެވެ. ޖޯތިކާ އަކީ ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭނަގެ އަތުގައި މިހާރު ވެސް ހިންދީ ދެ ފިލްމެއް އެބައޮތެވެ. އޭގެ ތެރެއިން އެކައްޗަކީ އަޖޭ ދޭވްގަނާ އެކީ ކުޅޭ ނަން އިއުލާން ނުކުރާ ފިލްމެކެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.

ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޫރިއާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަގެ 2020 ގެ ފިލްމު "ސޫރަރާއި ޕޮއްޓުރޫ" ގެ ހިންދީ ރިމޭކުން އަކްޝޭ ކުމާރު ފެނިގެންދާނެ އެވެ.