Last Updated: July 27, 14:36
Saturday, July 27, 2024
ދުނިޔެ

ކާރެއްގެ މައްޗަށް ޖެޓެއް ވެއްޓި ކުއްޖަކު މަރުވެއްޖެ

އިޓަލީގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ އެކްރޮބެޓިކް އެކްސަަސައިޒެއްގެ ތެރޭގައި ޖެޓެއް ކާރެއްގެ މައްޗަށް ވެއްޓި، ފަސް އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ އިއްޔެ ހިނގާފައި ވަނީ ޓިއުރިންގެ އެއާޕޯޓް ސަރަޖައްދުގައި ކަމަށެވެ. މަރުވި ކުއްޖާ އަކީ ޖެޓް ވެއްޓުނު ކާރުގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކެކެވެ. ކާރުގައި ދެން ތިބީ މަރުވި ކުއްޖާގެ 9 އަހަރުގެ ބޭބެ އާއި އެ ކުދިންގެ މަންމަ އާއި ބައްޕަ އެވެ. ނުވަ އަހަރުގެ ކުއްޖާ އަށް ވެސް މި ހާދިސާގައި ސީރިއަށް ގެއްލުންތަކެއް ލިބިގެން ފަރުވާ ދެމުން އަންނަ އިރު، އެ ކުދިންގެ މަންމަ އާއި ބައްޕަ އަށް ވެސް އެކި ވަރުގެ އަނިޔާތައްވެފައިވެ އެވެ.

ޖެޓް ވެއްޓުނު ހާދިސާގައި އޭގެ ޕައިލެޓް ވަނީ ވައިކުޑައިގެ އެހީގައި ސަލާމަތްވެފަ އެވެ. މި ހާދިސާއާ ގުޅިގެން އަސްކަރީ ތަމްރީނު މެދުކަނޑާކައި މިކަން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޖެޓް ވެއްޓެން ދިމާވީ ވައިގެ ތެރޭގައި ދޫނިބައިގަނޑަކާ މުޑިއަރައި، ކޮންޓްރޯލުން ނައްޓާލައިގެންނެވެ.

މި ހާދިސާއާ ގުޅިގެން މަރުވި ކުއްޖާގެ އާއިލާ އަށް އިޓަލީގެ ޑެޕިއުޓީ ބޮޑުވަޒީރު މެޓިއޯ ސަލްވިނީ އާއި ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރިސެޓޯ ތައުޒިޔާ ވިދާޅުވެ، ހާދިސާއާ މެދު ކަންބޮޑުބުން ފާޅުކޮށްފައިވެ އެވެ.

ވެއްޓުނު ޖެޓަކީ އިޓަލީގެ ވައިގެ އަސްކަރިއްޔާ އަށް 100 އަހަރު ފުރުން މިއަދު ފާހަގަކުރަން ބާއްވަން ރޭވި ހަރަކާތްތައް ހާއްސަކޮށްގެން ބޭއްވި ޓްރެއިނިންތަކުގައި އުޅުނު އެއްޗެކެވެ. އިއްޔެގެ ހާދިސާއާ ގުޅިގެން މިއަދު ބާއްވަން އޮތް ހަރަކާތްތައް މިހާރު ކެންސަލްކޮށްފަ އެވެ.