Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ތިލަފުށިން އިތުރު 4 ސަރަހައްދެއް ހިއްކަން ފަށައިފި

ތިލަފުށި ހިއްކުމުގެ މަސައްކަތުގެ ތެރެއިން / ފޮޯޓޯ : އާބަންކޯ

ތިލަފުށި އިތުރު 4 ސަރަހައްދެއް ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށް، ތިލަފުށި ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެފައިވާ އާބަންކޯއިން ބުނެފިއެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފަށާފައިވާ ކަމަށް އާބަންކޯއިން ހާމަކުރެއެވެ. މި މަޝްރޫޢަކީ އަރބަންކޯ އަދި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

އެގޮތުން ތިލަފުށީގެ އޭރިއާ (ސީ) އަދި (ޑީ) ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު، މި ފެށިފައި އޭރިއާ (ބީ) ގެ ބިންހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން އެރިއާ (އޭ) އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ (ބީ) އިން 39.6 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. އަދި މީގެ އިތުރުން އޭރިއާ (އީ) އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު އޭރިއާ (އެފް) އިން 0.73 ހެކްޓަރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.


ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުން ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންޤިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދު ތަރައްޤީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާއިރު، އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމަޢަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. މިއާއެކު ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިޞާދީ ގޮތުން އިންޤިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެއެވެ.