Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ސްޓެލްކޯއާ ގުޅުވައި ފަތުރަނީ ދޮގު ވާހަކަތަކެއް

ރިޔާސީ އިންތިހާބާއި ގުޅިގެން ސްޓެލްކޯއިން ދެމުންދާ ޙިދުމަތާއި ގުޅިގެން ހަޤީޤަތާއި ޙިލާފު ވާހަކަތައް ބައެއް މީޑިއާތަކުން ފަތުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ، އިންތިހާބާއި ގުޅުވައި ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑަން އުޅޭ ކަމަށް އެކި ފަހަރު މަތިން ޙަބަރު ފަތުރާފައިވާ ކަމަށެވެ. ނަމަވެސް އެކުންފުނީގެ ޚިދުމަތް ދިނުމުގައި، އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ މިކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާ ކަމުގައެވެ.

އަދި މިދެންނެވި ގޮތާއި ޚިލާފަށް މިހާތަނަށް މިކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ. ނަމަވެސް ބައެއް މީޑިއާތަކުން އިންތިހާބާއި ގުޅުވައި ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ޙަބަރުތައް ފަތުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

" ރިޔާސީ އިންތިޚާބާއި ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13" އިން މިކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، މިކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ބުހުތާނު ދޮގު ޚަބަރުތައް ދަނީ ފަތުރަމުންނެވެ. " ސްޓެލްކޯ ބަޔާނުގައި ވެއެވެ.

ސްޓެލްކޯއިން ވަނީ މި ޙަބަރުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި ފަތުރަމުންދާ ޙަބަރުތައް ކަމަށާއި، އެކުންފުނިން އަބަދުވެސް ބިނާ ކުރަނިވި ފާޑުކިއުމަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް ދިގު ތާރިޙެއް އޮތް ކުންފުންޏާއި މުވައްޒަފުން ބަދުނާމުކޮށް ފަތުރަމުންދާ ދޮގުވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެކުންފުނިން ބުނެއެވެ.

" ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، މިކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެކެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އިލްތިމާސްކުރަމެވެ. " ސްޓެލްކޯ ބަޔާނުގައި ބުނިއެވެ.

މިފަހަކަށް އައިސް ދައުލަތުގެ އިދާރާތަކާއި ގުޅޭގޮތުން އަސާސެއް ނެތް ވާހަކަ ފަތުރާ މައްސަލަ އެކި އިދާރާތަކުން ދަނީ ސަމާލުކަމަށް ގެންނަމުންނެވެ. އަދި ގިނަ ބަޔާންތަކެއް ވެސް ދަނީ އެކަންކަމާއި ގުޅިގެން ނެރެމުންނެވެ.