Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމެންޓަށް ލުއި ގޮތްތަކެއް

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓުތައް / ފޮޓޯ: އާބަންކޯ

ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓަށްވާ އަދަދުގެ 15 އިންސައްތަ ދެއްކުމުން އެއްބަސްވުންތަކުގެ ސޮއިކުރާނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމެންޓު ދެއްކުމަށް ލުއިގޮތްތަކެއް މިހާރު ހަމަޖެހިފައިވާ ކަން އާބަންކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން 15 އިންސައްތަ ޑައުންޕޭމެންޓުގެ ދެއްކުމަށްފަހު ބާކީ 3 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެއެވެ. މިއީ ދިގުމުއްތައް ފައިސާ ދައްކާ ގޮތަށް ފްލެޓު ގަންނަ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

އެގޮތުން ޑައުންޕޭމެންޓަށް ވާ ފައިސާ ދެއްކުމުން، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މިއާއެކު ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރަން ފަށާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ ކުރިންވެސް ވިނަރެސް ފްލެޓު ބައްލަވައިގަންނަން ހުށަހެޅި ފަރާތްތަކަށް ވަނީ ލުއިގޮތްތަކެއް ހަމަޖައްސައި ދީފައެވެ. އެގޮތުން ގެރެންޓަރ އެއްގެ ގޮތުގައި އައިލީ ގުޅުންނެތް ފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. މީގެ އިތުރުން ފޯމުތައް ފުރުމުގައި އާބަންކޯ މުވައްޒަފުން އެހީވެދޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިއަހަރު ފެބްރުއަރީ މަހު އާންމުކުރި ވިނަރެސްގެ ދައީމީ ލިސްޓުގައި މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1،094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.