Last Updated: October 4, 15:06
Wednesday, October 4, 2023
މުނިފޫހިފިލުވުން

ސަރޯޖްގެ ރޯލުން މަދޫރީ ފެނުމުގެ ފުރުސަތު ބޮޑު

ބޮލީވުޑްގެ ކުރީގެ ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ބައޮގްރަފިކަލް ޑްރާމާގައި އޭނަގެ ރޯލު ކުޅެން ބަތަލާ މަދޫރީ ޑިކްސިޓާ ވާހަކަ ދެކެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ހެންސަލް މެހެތާ ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. މިދިޔަ ހަފުތާގައި ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުޝަން ވަނީ ހެންސަލް މިހާރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެވެ.

އެހެންވެ ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ތެރޭގައި ސަރޯޖްގެ ބައޮޕިކްގެ ޝޫޓިން ފަށާށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސަރޯޖްގެ ރޯލުން މަދޫރީ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ބޮލީވުޑްގެ އެންމެ ހުނަރުވެރި ނެށުންތެރިންގެ ތެރޭގައި ހިމެނޭ މަދޫރީގެ އައިކޮނިކް ބައެއް ލަވަތަކުގެ ނެށުން ހަދާފައި ވަނީ ސަރޯޖެވެ. އޭގެ ތެރޭގައި ފިލްމު "ތޭޒާބު" ގެ "އޭކް ދޯ ތީން" އާއި ފިލްމު "ބޭޓާ" ގެ "ދަކް ދަކް" އާއި ފިލްމު "ތަނޭދާރު" ގެ "ތައްމާ ތައްމަ ލޯގޭ" އަދި ފިލްމު "ދޭވްދާސް" ގެ "ޑޯލަރޭ" ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި 3 ގައި މަރުވުމުގެ ކުރިން ސަރޯޖް އެންމެ ފަހުން ކޮރިއޯ ހެދީ ވެސް މަދޫރީގެ ލަވައެކެވެ. އެއީ 2019 ގެ ފިލްމު "ކަލަންކް" ގެ "ތަބާ ހޯ ގަޔޭ" އެވެ.

ތިން ނެޝަނަލް އެވޯޑް ހޯދާފައިވާ ސަރޯޖަކީ ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވުނު އެއް އަންހެން ކޮރިއޮގްރާފަރެވެ. އޭނަ 300 އަށް ވުރެ ގިނަ ފިލްމުތަކުގެ ނެށުންތައް ތައްޔާރުކޮށް ދީފައިވެ އެވެ.