Last Updated: July 27, 10:14
Saturday, July 27, 2024
ކުޅިވަރު

ފަސް މެޗުން ރެއާލަށް 5 މޮޅު

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ލީގުގައި ކުޅުނު ފަސް ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު 15 ޕޮއިންޓާ އެކު ރެއާލް އޮތީ އެއްވަނައިގަ އެވެ. ދެވަނައިގައި ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާ ކަމަށްވާއިރު ތިންވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެތްލެޓިކް ބިލްބާއޯ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސޮސިއެޑާޑުންނެވެ. މި ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަރެނެޗެއާ އެވެ. ލީޑު ފުޅާކޮށްލަން ފުރަތަމަ ހާފްގައި ސޮސިއެޑާޑަށް ފުރުސަތުތަކެއް ލިބުނުއިރު މި ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ރެއާލްގެ ޖޫޑް ބެލިންހަމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ،

ސޮސިއެޑާޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް މެޗުގެ 46 ވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ވަލްވާޑޭ މި ގޯލު ކާމިޔާބު ކުރީ ސޮސިއެޑާޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް ޖޮސެލޫ ކާމިޔާބުކޮށްދިނީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގައި ރެއާލް މެޑްރިޑް ދެން ބައްދަލުކުރާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ އެވެ.