Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

ރަންބީރަކީ މާ ގޮތްގަނޑު ބޮޑު ތަރިއެއް ނޫން

ބޮލީވުޑްގެ ތަރިންގެ ތެރެއިން ރަންބީރް ކަޕޫރަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އަދި މާ ގޮތްގަނޑު ބޮޑު ނޫން އެކްޓަރެއް ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

މިޑް-ޑޭ ގެ ހިޓްލިސްޓަށް ދިން އިންޓަވިއުއެއްގައ ރަންބީރާ އެކީ 2016 ގެ ފިލްމު "އޭ ދިލް ހެ މުޝްކިލް" ގެނެސްދިން ޑައިރެކްޓަރު ބުނީ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅަކީ ފިލްމީ އެހެން ތަރިންނާ ހިލާފަށް އޭނަގެ މަސައްކަތްތަކާ ގުޅޭ ކަންކަން ވެސް މުޅިން އަމިއްލަ އަށް މެނޭޖްކުރާ ތަރިއެއް ކަމަށެވެ.

"ރަންބީރަކީ މެނޭޖަރެއް ގެންގުޅޭ މީހެއް ނޫން. އަދި އޭނަގެ ޕީއާރް ޓީމެއް ވެސް ނޯވޭ. ތެދަށް ބުނަންޏާ ރަންބީރަކީ މާ ތަރިއަކަށްވެގެން އުޅޭ އެކްޓަރެއް ނޫން،" ކަރަން ބުންޏެވެ. "އަހަންނަށް އޭނަ ސިފަ ކުރެވަނީ ވަރަށް ނޯމަލް، ކޫލް މީހެއްގެ ގޮތުގައި."

އޭނަ ބުނި ގޮތުގައި ރަންބީރަކީ މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓާ، ފޯކަސްކުރާ އަދި ވަރަށް ރުޅި ވެސް މަޑު އެކްޓަރެކެވެ. އެގޮތުން ޝޫޓީންތަކަށް ބައެއް ކާސްޓުން އައުން ލަސްވެގެން މަސައްކަތް ނުފެށި ކިތަންމެ ގިނަ އިރަކު އިންނަން ޖެހުނަސް އެކަން ރަންބީރް މައްސަލައަކަށް ނުހަދާ ކަމަށް 2015 ގެ ފިލްމު "ބޮމްވޭ ވެލްވެޓް" ގައި ރަންބީރާ އެކީ ރޯލެއް ވެސް ކުޅުނު ކަރަން ބުންޏެވެ.

ރަންބީރަކީ ކަރަން އެންމެ ފަހުން ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ އެވެ. ރަންބީރާއި އާލިއާ އަކީ ވެސް ކަރަން އާއިލާއެއްގެ ގިތުގައި ދެކޭ، އޭނައާ ވަރަށް ގާތް ބައެކެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "އެނިމަލް" އެވެ.