Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ބީއެމްއެލް އިން ޑިވައިސް މެނޭޖްމަންޓް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް ބީއެމްއެލްއިން ނުހަނު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލާއި ތައާރަފު ކުރަމުންދާ މުހިންމު ފީޗަރ ތަކަކީ މިކަމުގެ ހެއްކެއް ކަމަށެވެ.

"އަދި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދޭ. ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗަރއެއް. މި ފީޗަރ ގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

މިފާއިތުވި މަސްތަކުގައި ބީއެމްއެލްއިން ވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖޫން މަހު ވަނީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފައެވެ. މެއި މަހު ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ. އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދިޔައެވެ. މާރިޗް މަހު، އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރެވުނެވެ. މީގެއިތުރުން މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ.