Last Updated: October 1, 12:15
Sunday, October 1, 2023
މުނިފޫހިފިލުވުން

ޓައިގާގެ "ގަނަޕަތު" އަންނަ މަހުގެ 20 އަށް

ބޮލީވުޑްގެ ޒުވާން ތަރި ޓައިގާ ޝްރޮފް އަނެއްކާ ވެސް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ގަނަޕަތު" ގެ ޕޯސްޓަރު ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު އަމީތާ ބައްޗަނާއި ރަޝްމިކާށ މަންދަނާއާ އެކީ "ގުޑް ބާއި" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ދެވަނަ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ "ގަނަޕަތު: ޕާޓް 1" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ. ޓެގް ލައިނަކަށް "އަ ހީރޯ އިޒް ބޯން" ހިމަނާފައިވާ މި ފިލްމުގެ ބަތަލާ އަކީ މި އަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ކްރިތީ ސެނަން އެވެ.

އިންޑިއާގެ ފުރަތަމަ ޑިސްޓޯޕިއަން ފިލްމުގެ ގޮތުގައި ގެނެސްދޭ "ގަނަޕަތު" އަކީ ޓައިގާ އާއި ކްރިތީ އެކީގައި 2014 ގައި ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަވުމަށް ފަހު އެކީގައި ކުޅުނު ދެވަނަ ފިލްމެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަދި 150 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ގަނަޕަތު" ގެ ކާސްޓްގައި އަމީތާބާއި އެލީ އަވްރަމް ވެސް ހިމެނެ އެވެ.

ޓައިގާގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ހީރޯޕަންތީ 2" އިންނެވެ.