ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިގޮތަށް ބުނެފައިމިވަނީ ނިޒާމީ ވޯޓެއް މި މަހުގެ 25 ގައި ނެގުމަށް ދަ ޑިމޮކްރެޓްސް އިން ބާރު އަޅައި އެކަން ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ހިއްސާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެމްޑީޕީގެ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެކަން މި މަހުގެ 25 ގައި ނުކުރެވޭނެކަން ޑިމޮކްރެޓްސް އަށް އަންގާފައިވާނެ ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ފަހު ޑިމޮކްރެޓްސް އިން ހުށަހަޅާ ތާރީހެއްގައި އެ ވޯޓް ނަގަން ހުށަހަޅާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަޑައިގެންނެވީ ތިންވަނަ އަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިރޭ އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.