Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

އަދީބްގެ ޕާޓީ އެމްޓީޑީން ރައީސާ ބައްދަލުކޮށްފި

ކުރީގެ ނައިބު ރައިސް އަހުމަދު އަދީބް ނިސްބަތްވާ ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފި އެވެ.

އެ ޕާޓީގައި އިސްކޮށް އުޅޭ ބަޔަކު ރައީސާ ބައްދަލުކުރައްވައި، އެ ވާހަކަ ޕާޓީގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތާއި ގައުމުގެ ކުރިމަގާ ގުޅޭ ގޮތުން މުހިއްމ މަޝްވަރާތަކެއް ކުރެވުނު ކަމަށް ބުނެފައިވެ އެވެ.

އެމްޓީޑީއާ ރައީސާ ބައްދަލުކުރެއްވި އިރު، އެ މަނިކުފާނު މިހާރު އުޅުއްވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގަ އެވެ. އެމްޓީޑީން ރައީސާ ބައްދަލުކުި އިރު، އަދީބު މި ވަގުތު ހުންނެވީ ސަރުކާރުން ހުއްދަ ދީގެން ބޭސް ފަރުވާ އަށް ސިންގަޕޫރްގަ އެވެ. އޭނަ އެ ގައުމަށް ދިޔައީ ޖުލައި މަހުގެ 12 ގަ އެވެ. އޭގެ ފަހުން މިހާރު ވަނީ ފަރުވާގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށް ދޭން ވެސް އެދިފަ އެވެ.

ދެވަނަ ބުރަށް ތާއީދު ހޯދަން އެމްޑީޕީ ކޯލިޝަން މަޝްވަރާކުރި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ދެވަނަ ބުރުގައި ތާއީދު ނުކުރަން ނިންމައިފަ އެވެ. އަދި ދަ ޑިމޮކްރެޓްސް އިން މިރޭ ދެވަނަ ބުރާ މެދު ގޮތެއް ނިންމަން ހަމަޖެގިފައިވެ އެވެ.

މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.