Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ޑިމޮކްރެޓުންނާއެކު ގިނަ ކަންކަމަށް އެއްބަސްވެވިއްޖެ

ދަ ޑިމޮކްރެޓްސްއާއެކު ގިނަ ކަންކަމަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ބުނެފި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ޑިމޮކްރެޓުންނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި އޭގެތެރޭގައި ޑިމޮކްރެޓްސް އިން ހުށަހަޅާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ވެރިކަމުގެ ނިޒާމީ ވޯޓާއި ގުޅޭ ކަންކަން ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި އެއްޗެއް ހާމަކުރެވޭނީ ދެބައި މީހުންނަށް ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިގެން. އެކަމަކު ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައި މިހާރުވެސް ހުރީ،" ތޮލާލް ވިދާޅުވި އެވެ.

ޕީޕީއެމުން އެއްވެސް ލިޔުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް ޑިމޮކްރެޓްސް އިން ދާދިފަހުން ބުނެފައިވާއިރު ތޮލާލް ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް މުޅިން ނިންމާފައި ނުވާނެ ކަމަށާއި ސޮއިކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެއްޗެއްގައި ސޮއިކުރެވޭނީ މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަޑައިގެންނެވީ ތިންވަނަ އަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިރޭ އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.