ރިސޯޓު ކުލި ޖޫރިމާނާ ރީސްޓްރަކްޗަރ ކޮށް ރޭޓަށް ބަދަލު ގެނެސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ބަަދަލު ގެނަަސްފައިވަނީ، އޮޕަރޭޝަނަށް ނުގޮސް ނުހެދި ހުރި ރިސޯޓުތަކުގެއެވެ. މި ބަދަލާއި ގުޅިގެން ބައެއް މީޑީއާތަކުގައި ރިސޯޓު ކުލިން ދައްކަަން ޖެހޭ ޖޫރިމަނާގެ ގޮތުގައި ހުރި 4 ބިލިއަން ރުފިޔާ މަޢާފްކޮށްދީފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މީރާ
ބަދަލު އައިގޮތް ސާފުކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ، ޖޫރިމަނާއެއްކޮށް މަޢާފްކޮށް ދިނީ ނޫން ކަމަށެވެ. ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތައް، މައްޗަށް މީގެ ކުރިން ނަގަމުން ދިޔަ 182.5 އިންސައްތައިން 18 އިންސައްތައަށް ރޭޓު ދަށްކުރީ ކަމަށެވެ. މީގެ ކުރިން ނަގަމުން އައީ ދުވާލެއްގެ މައްޗަށް 0.5 އިންސައްތައިގެ ރޭޓުގައެވެ. ނަމަވެސް މިހާރު ގެނައި ބަދަލުން ނަގާނީ ދުވާލެއްގެ މައްޗަށް 0.0493 އިންސައްތަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރިޒޯޓުތަކުގެ ޖޫރިމަނާ މައާފު ކޮށްދިން ކަމަށް ހުރި ރިޕޯޓުތަކުން އޮޅުންއަރާ. ޖޫރިމަނާ އެއްކޮށް މައާފުކޮށް ދިނީކީ ނޫން. ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތަށް %18 (ދުވާލަކު %0.0493) ރޭޓުން ޖޫރިމަނާ ދައްކަންޖެހޭނެ. ކުރިން ދައްކަންޖެހިފައި އޮތީ %182.5 (ދުވާލަކު %0.5). އޭގެއިން %18…
— Abdulla Mausoom (@Mausoom_Maus) September 18, 2023
މި ބަދަލާއެކު، މީގެ ކުރިން 182.5 އިންސައްތައިގައި ދައްކަން ޖެހޭ ބައިން 18 އިންސައްތައްވުރެ އިތުރުވާ ބައި އުނިވެގެން ދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އެއްވެސް ބަދަލެއްގެ އަސަރު މިހާރު ހިނގަމުންދާ ރިސޯޓަކަށް ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިކަމުގެ އިންވެސްޓަރުންނާއި ގުޅޭ މާހައުލެއް އުފެއްދުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ކޯވިޑާއި ގުޅިގެން އިންވެސްޓަރުންނަށް ދިމާވި ދަތިތަކަށް ހައްލެއް ހޯއްދައި ދިނުމުގެ ގޮތުންނެވެ. އަދި މިހާރު އެގްރިމެންޓްތައް މި ބަދަލާއެކު އެކު އެގްރިމެންޓް އައު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރޭޓަކީ ރާއްޖެއަށް ހަރުދަނާ ޓެކްސް ނިޒާމެއް އައުމުގެ ކުރިން އެކުލަވާލެވިފައިވާ ރޭޓެކެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު މާކުރީއްސުރެ ނުދެއްކި ހުރި ޖޫރިމަނާތައް ދައްކައި ޙަލާސް ކުރަން ފަހިވެގެން ދެއެވެ. އަދި މިގޮތަށް ހުރި ޖޫރިމަނާތަކަކީ ދައުލަތައް ލިބޭނެ ކަމުގެ ޔަޤީންކަމެއް ނެތް ބައެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.