Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

މި އަހަރުތެރޭ ނިޒާމީ ވޯޓު ނަގަން ރައީސް އެއްބަސް

ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ނަގަން އެއްބަސްވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގަވަން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރެޓްސްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ މި މަހުގެ 25 ގައި ނިޒާމީ ވޯޓް ނަގަން ކަމަށާއި އެހެން ނަމަވެސް އެއީ އެހާ ޕްރެކްޓިކަލް ކަމެއް ނޫންކަން އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. ދައްކާފަ އެ ހުށަހެޅުން ހުށަހަޅާފައި ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގަރާރު ފާސްކޮށް ފޮނުވުމުން އެމަނިކުފާނު އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ނިޒާމު ކަނޑައަޅާ ވޯޓު ބާއްވާނެ ތާރީހު ވެސް އީސީ އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ރިޔާސީ އިންތިހާބު ނިމުމާ އެކީގައި އެކަން ކުރެވޭނެގޮތްތަކެއް ހޯދައިދީފައި އަޅުގަނޑު ބާއްވާނަމޭ. އެ ހުށަހެޅުން އަަޅުގަނޑު ހުށަހަޅާފައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ހުށަހެޅުން ހުށަހެޅުއްވި ނަމަވެސް ޑިމޮކްރެޓްސްގެ ފަރާތުން އެކަމަށް އަދި ޖަވާބެއް ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިރޭ އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.